ވިޔަފާރި

ގޯލްޑް 100 އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ


ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ގޯލްޑް 100 ގާލާ އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސިމްފަނީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑައިރެކްޓަރ އިޝާނާ ވަލީދެވެ. އަދި އޮރކާ މީޑިއާގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

1991 ވަނަ އަހަރު ވިޔަފާރިކުރަން ފެށި ސިމްފަނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ، ރެސްޓޯރަންޓާއި ކޭޓަރިންގެ ވިޔަފާރީގެ އިތުރުން، ފަތުރުވެރިކަމާއި ރިއަލް އެސްޓޭޓް ވިޔަފާރީގައިވެސް މިހާރު ހަރަކާތްތެރިވަމުންދާ ކުންފުންޏެކެވެ.

އޯރކާ މީޑިއާގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ބާއްވާ އެވޯޑެކެވެ.

ބިޒްނަސް އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މިވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ބާއްވާ ޙަރަކާތެކެވެ.

މިއަހަރުގެ މި އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ 3000 ފަރާތުން ބައިވެރިވެ، 150 އެގްޒިބިޓަރުން އެކްސްޕޯއަށް ޒިޔާރަތްކުރާނެކަމަށް އޯރކާ މީޑިއާއިން ބުނެއެވެ.

ބިޒްނަސް އެކްސްޕޯ އޮންނާނީ މިމަހުގެ 23 އިން 24 ގެ ނިޔަލަށެވެ. ބިޒްނަސް އެކްސްޕޯއާއި ވިދިގެން ފެބްރުއަރީ 25 ގައި ގޯލްޑް 100 ގާލާ އޮންނާނެއެވެ.