ކުޅިވަރު

ގޯދިއްޔާ ފުޓްސެލް ކަޕް 2015ގެ ޗެމްޕިއަންކަން ހަބޭސް ހޯދައިފި


މިޓްސުބިޝީ ގޯދިއްޔާ
ފުޓްސެލް ކަޕް ދެހާސް ފަނަރައިގެ ޗެމްޕިއަންކަން ފޭދޫ އެފްސީ ހަބޭސް ހޯދައިފިއެވެ. އައްޑޫ ސިޓީ މަރަދޫގައި ކުރިއަށްދިޔަ މިމުބާރާތުގެ ޗެންޕިއަންކަން
ހަބޭސް ހޯދީ ފައިނަލްގައި މަރަދޫގެ ޓީމާ ވާދަކޮށް ތިން ލަނޑު ދެ ލަނޑުން މެޗް
ކާމިޔާބުކޮށްގެންނެވެ.

 ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި
ހަބޭސްއިން ވަނީ ދެ ލަނޑު ޖަހާ މެޗްގެ ލީޑް ނަގާފައެވެ. އަދި ދެވަނަ ހާފް ފެށިގެން
މާގިނައިރުތަކެއް ނުވަނީސް ހަބޭސްއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗްގެ ނަތީޖާ
ތިނެއް ސުމަކަށް ބަދަލުކޮށްލާފައެވެ. އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ
ކުރިމަތީގައި ކުޅުނު މިމެޗްގައި ފަހަތުން އަރާ މަރަދޫގެ ޓީމުން ދެ ގޯލްޖެހިއެވެ. ނަމަވެސް އެޓީމަށް މެޗުގެ ނަތީޖާ އެއް ވަރުކޮށްލެވޭ ގޮތެއްނުވިއެވެ. 

ފައިނަލް މެޗުގެ
މޮޅު ކުޅުންތެރިޔަކަށާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ
ހަބޭސްގެ އިބްރާހިމް މަހުދީ ހަސަންއެވެ. މިމުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކީ
ފްރެންޑްސް ކްލަބްގެ އިބްރާހިމް ރިއްފަތުއެވެ. މުބާރާތުގެ އެންމެ އުއްމީދީ
ކުޅުންތެރިއަކީ ޒެފިއާގެ ހަސަން ރާއިފްއެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެންޕިއަން
އެފްސީ ހަބޭސްގެ ކޯޗު އަހުމަދު ޝަރީފްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ
ހަބޭސްގެ ކީޕަރު އަބްދުﷲ ނާޝިދުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖަހާފައިވަނީ އެފްސީ
ހަބޭސްގެ މުހައްމަދު އިމްރާންއެވެ.

 މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ
އެފްސީ ހަބޭސްގެ އިބްރާހިމް މަހުދީ، މުހައްމަދު އިމްރާން، ކްލަބް މަރަދޫގެ ހަސަން
ނޫރިޝް، ފްރެންޑްސް ކްލަބްގެ ހުޒްލިފަތު ޝަރީފްގެ އިތުރުން ޔުނައިޓެޑް
ފްރެންޑްސްގެ އަލީ ޝިފާއުއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ ފަސްދޮޅަސް ހާސް
ރުފިޔާ ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ ވިހިހާސް ރުފިޔާ ދީފައެވެ. 

މިފަހަރުގެ
މިމުބާރާތުގައި ވިހި ޓީމް ވާދަކުރިއެވެ. މިއީ ގޯދިއްޔާ ޖަމިއްޔާއިން މެދު ކެޑުމެއްނެތި
މިމުބާރާތް ކުރިއަށް ގެންދިޔަ ހަ ވަނަ އަހަރެވެ. އަދި މިއަންނަ އަހަރު މިއަށްވުރެ
ފޯރިގަދަކޮށް މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ގޯދިއްޔާ
ޖަމިއްޔާއިން މަޢުލުމާތުދެއެވެ.