ވިޔަފާރި

ވީއައިއޭގައި ތާޒާ މޭވާ ވިއްކުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް ހުޅުވާލައިފި


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތާޒާ މޭވާ ވިއްކުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ބުނީ އެއަރޕޯޓުގައި ތާޒާ މޭވާގެ ބާވަތްތައް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ތާޒާ މޭވާގެ ބާވަތްތައް ވިއްކަން އެއަރޕޯޓުގައި އަޅާ ސްޓޯލް ހުންނާނީ ވޯޓަރ ފުރޮންޓް ރެސްޓޯރަންޓް އިމާރާތުގެ ގްރައުންޑް ފްލޯގައިކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްއިން ވިދާޅުވީ މިތަން އަޅަނީ ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ދަތުރުތައް ކުރާ ފަރާތްތައް އެއަރޕޯޓުގައި މަޑުކޮށްލާ ވަގުތުގައި މޭވާގެ އެކި ބާވަތްތައް ފަސޭހަކަމާއިއެކު ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ މިތަން އެޅުމުގެ އެންމެ ބޮޑު ބޭނުންކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ، މިތަން ހުޅުވިފައި ހުންނާނީ ޑޮމެސްޓިކް ފުލައިޓްތައް އޮޕަރޭޓްކުރާ ވަގުތުގައެވެ. އެގޮތުން ހެނދުނު 6:00 އިން މެންދަމު 12:00 އަށް މިތަން ހުޅުވިފައި ހުންނާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓަރީ ކުރެވިފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. މީގެތެރޭގައި އަމިއްލަ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކަށްވެސް ކުރިމަތިލެވޭނެއެވެ. މިކަމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 8 މާޗުގެ ހެނދުނު 10:30 ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.