ޚަބަރު

ފިލްމް ފެއަރ އެވޯޑްގެ ނޮމިނޭޝަން ވަރަށް ވާދަވެރި


ބޮލީވުޑްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް " ފިލްމް ފެއަރ އެވޯޑް" ގެ މިއަހަރުގެ ނޮމިނޭޝަންތައް އިއުލާންކޮށްފިއެވެ. 65 ވަނަ ފިލްމެ ފެއަރ އެވޯޑްސްގެ ނޮމިނޭޝަންތަކަށް ބަލާއިރު މި ފަހަރުގެ އެވޯޑް ފެންނަނީ ވަރަށްވެސް ވާދަވެރިކޮށެވެ. މަޝްހޫރު ގިނަ ތަރިންތައް ފެނިގެންދިޔަ ހުރިހާ ފިލްމެއް މިފަހަރުގެ ނޮމިނޭޝަން ލިސްޓުގައި އެބައޮތެވެ.

ނޮމިނޭޝަންތައް ބަލާލާއިރު އެންމެ ކުރީގައި އުޅޭ ތަރިންނަކީ އަކްޝޭކުމާރާއި ޝާހިދު ކަޕޫރާއި ރަންވީރު ސިންހާއި ރިތިކް ރޯޝަންގެ އިތުރުން އަޔުޝްމަން ކުރާނާއެވެ. މި އަހަރު މަޝްހޫރު ސުޕަސްޓަރ ސަލްމާން ހާންގެ ދެ ފިލްމެއް ނުކުތް ނަމަވެސް މުހިއްމު ކެޓަގަރީތަކުގައި ސަލްމާންގެ އެއްވެސް ފިލްމަކަށް ޖާގައެއް ލިބިފައެއް ނުވެއެވެ.

އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަންތައް

- ޗިޗޯރު
- ގަލީ ބޯއީ
- މިޝަން މަންގަލް
- އޫރީ
- ވާރ

އެންމެ މޮޅު ލީޑިން އެކްޓަރ ނޮމިނޭޝަންތައް

- އަކްޝޭކުމާރު ( ކޭސަރީ )
- އަޔުޝްމަން ކުރާނާ ( ބާލާ )
- ރިތިކް ރޯޝަން ( ސުޕަރ 30 )
- ރަންވީރު ސިންގ ( ގަލީ ބޯއީ )
- ޝާހިދު ކަޕޫރް ( ކަބީރު ސިންގ )
- ވިކީ ކައުޝަލް ( އޫރީ / ސާރޖިކަލް ސްޓަރައިކް )

އެންމެ މޮޅު ލީޑިން އެކްޓަރެސް ނޮމިނޭޝަންތައް

- އާލިއާ ބަޓް ( ގަލީ ބޯއީ )
- ކަންގަނާ ރައުޓް ( މަނީކަރްނިކާ / ދަ ކްއީން އޮފް ޖާންސީ )
- ކަރީނާ ކަޕޫރް ( ގުޑް ނިއުސް )
- ޕްރިޔަންކާ ޗޯޕްޅާ ( ދަ ސްކައި އިޒް ޕިންކް )
- ރާނީ މުކަރްޖީ ( މަރްދާނީ 2 )
- ވިދްޔާ ބާލަން ( މިޝަން މަންގަލް )

އެންމެ މޮޅު ޑިރެކްޓަރ ނޮމިނޭޝަން

- އަދްތިޔާ ދާރު ( އޫރީ / ސާރޖިކަލް ސްޓަރައިކް )
- ޖަގަން ޝަކްތީ ( މިޝަން މަންގަލް )
- ނިތޭޝް ތިވާރީ ( ޗިޗޯރު )
- ސިދާތު އާނަންދު ( ވާރ)
- ޒޯޔާ އަހްތަރު ( ގަލީ ބޯއީ )

ރޭ ބޭއްވި ނޮމިނޭޝަން ނައިޓްގައި ޓެކްނިކަލް ބައެއް އެވޯޑްތައް ލިބޭ ފަރާތްތަކުގެ ނަންތައް ވަނީ އާޢްމުކޮށްފައެވެ. އެގޮތުން ބެސްޓް އެކްޝަން ފިލްމްގެ އެވޯޑް ލިބިފައިވަނީ މިދިޔަ އަހަރު ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް މުގުރާ އެންމެ ގިނަ އާއްމުދަނީ ހޯދި އެއް ފިލްމަކަމަށްވާ ރިތިކާއި ޓައިގަރ ޝޮރަޕްގެ " ވާރ" އެވެ. ބެސްޓް ކޮރިއަރގްރާފަރގެ އެވޯޑް ލިބުނީ މަޝްހޫރު ނެށުންތެރިޔާ ރެމޯ އަށެވެ. އޭނާ މި އެވޯޑް ނަގާފައިވަނީ ފިލްމް "ކަލަންކް" ގެ " ގަރް މޯރޭ ޕަރްދޭސިއާ " އިންނެވެ.

މި ފަހަރުގެ އެވޯޑަށް ވާދަކުރާ އެކްޓަރުންނަށް ބަލާލާއިރު 2008 ފެށިގެން އަކްޝޭ ވަނީ ކޮންމެ އަހަރަކުވެސް ބެސްޓް އެކްޓަރ އަށް ނޮމިނޭޓްވެފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް މި އެވޯޑް އަކްޝޭއަށް އުފުލާލެވިފައެއް ނުވެއެވެ.

ރަންވީރު ސިންގ ވަނީ 3 ފަހަރަކު މި އެވޯޑް އުފުލާލާފައެވެ. މިގޮތުން 2011 ވަނަ އަހަރު އަލަށް ނުކުތް ފިރިހެން ތަރީގެ ގޮތުގައި ރަންވީރު މި އެވޯޑް ވަނީ އުފުލާލާފައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ނުކުތް ބާޖިރާއޯ މަސްތާނީ ވެސް ރަންވީރު ވަނީ ބެސްޓް އެކްޓަރ އެވޯޑް އުފުލާލާފައެވެ.

ރިތިކް ރޯޝަންވެސް ވަނީ ދެ ފަހަރެއްގެ މަތިން މި އެވޯޑް އުފުލާލާފައެވެ. ޝާހިދު ކަޕޫރް ވަނީ 2017 ވަނަ އަހަރު ނުކުތް " އުޅްތާ ޕަންޖާބު" ބެސްޓް އެކްޓަރ އެވޯޑް އުފުލާލާފައެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެވޯޑް ނައިޓް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.