ކުޅިވަރު

އީގަލްސްއާ ނިއުރޭޑިއެންޓްގެ ކުރިމަތިލުން އެއްވަރު


އުރީދޫ ދިވެހި
ޕްރިމިއަރ ލީގްގައި ނިއުރޭޑިއަންޓް އަދި ކްލަބް އީގަލްސްގެ ކުރިމަތިލުން
އެއްވަރުވެގެން ނިމިއްޖެއެވެ.

 ތާވަލްގެ އެއްވަނާގައި އޮތް ނިއުރޭޑިއަންޓް އިގަލްސްއާއި
ދެކޮޅަށް ކުޅުނު މެޗް އެއްވަރުވީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ
ލަނޑު ޖަހާ ލީޑް ނެގީ ނިއުރޭޑިއަންޓުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރ
ރިލްވާން ވަހީދު އެވެ. 

ފުރަތަމަ ހާފްގައި ލީޑް ފުޅާކުރުމަށް ނިއުރޭޑިއަންޓްގެ އަލީ
ފާސިރަށްވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ދެވަނަ ހާފްގެ ފުރަތަމަ
މިނެޓްގައި އިގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލްކުޅުންތެރިއެއްގެ ގޮތުގައި
ކުޅެންނިކުތް އަހްމަދު ރަޝީދު އެވެ. މެޗުގައި ލީޑް ނެގުމަށް އީގަލްސްގެ އަހްމަދު
ރަޝީދަށް ދެވަނަ ހާފްގެ ފަހުކޮޅުވަނީ ހުސްފުރުސަތެއްވެސް ލިބިފައެވެ. މުޅިން
ހުސްކޮށްހުރެ ބޮލުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. 

މެޗަށްފަހު
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެސިސްޓަންޓް ކޯޗް ސޮބާހް މުހައްމަދު ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަންކަމަށާއި، އެހެނެްނަމަވެސް ފުޓްބޯޅައިގައި
ބޭނުންވާގޮތަށް އަބަދު ހުރިހާކަމެއް ނުވާނެކަމަށެވެ. އަދި ނިއުރޭޑިއަންޓް ފަދަ
ޓީމެއްގެ ކޯޗްކަންކުރުމަކީ ވަރަށް ބޮޑު ޕްރެޝަރެއްކަމަށާއި، ލީގުގައި މިހާތަަނަށް
ނެރުނު ނަތީޖާތަކާއިމެދު ހިތްހަމަ ޖެހޭކަމަށެވެ.



އީގަލްސްގެ
އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރު ބުނީ މި މެޗަކީ އެޓީމް އެންމެ ފަހުން ކުޅުނު
ތިން މެޗުގެ ތެރެއިން އެންމެ ރަނގަޅަށް ކުޅުނު މެޗް ކަމަށާއި، ނަތީޖާއާއި މެދު
އެހާ ހިތްހަމަ ނުޖެހޭކަމަށެވެ. ސަބަބަކީ  މެޗް އެއްވަރުވީ ތޭރަ ކުޅުންތެރިންނާއި ދެކޮޅަށް
ކުޅެންޖެހުމުންކަމަށެވެ. ރެފްރީންނަށް ފާޑި ކިޔަމުން ޝާކިރު ބުނި އެގާރަ ކުޅުންތެރިންނާއި ދެކޮޅަށް ކުޅުނު ނަމަ  މެޗުން
އީގަލްްސް ތިން ޕޮއިންޓް ހޯދާނެކަމަށެވެ.



މި ނަތީޖާއާއިއެކު
ލީގް ތާވަލްގެ އެންމެ ކުރިން ނިއުރޭޑިއަންޓްއަށް ލިބިފައިވާ ލީޑްވަނީ ދެ
ޕޮއިންޓަށް ކުޑަވެފައެވެ. އީގަލްސް އޮތީ ލީގް ތާވަލްގެ ހަތަރުވަނާގައި ދިހަ
ޕޮއިންޓާއިއެކުގައެވެ.