އީރާނުގެ އަސްކަރީވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީ މަރާލުމުގެ ބަދަލުހިފުމުގެ ގޮތުން ޢިރާޤުގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ ދެމަރުކަޒަކަށް ދިން މިސައިލު ޙަމަލާތަކުގެ ސަބަބުން 100އަށްވުރެ އެމެރިކާގެ ސިފައިންގެ ސިކުނޑިއަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މިދިޔަ މަހުގެ 3ވަނަ ދުވަހު އީރާނުން ދިން މިސައިލު ޙަމަލާގައި އެމެރިކާގެ ސިފަައިންގެ އެއްވެސް މީހަކު މަރުވެފައިނުވިނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން މިދިޔަ މަހު ބުނެފައިވަނީ އެޙަމަލާގެ ސަބަބުން 69 މީހަކަށް ސިކުނޑީގެ މައްސަލަތައް ދިމާވެފައިވާކަމަށެވެ. އަދި ގިނަ ޢަދަދެއްގެ ސިފައިންނަށް ބޮލުގައި ރިއްްސުމާއި ބޯއެނބުރުން އަދި މޭނުބައި ކުރުންފަދަ ކަންކަން ކުރިމަތިވަމުންދާކަމަށް އެމެރިކާގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ. އަދި ޙަމަލާގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު އިތުރުވުން ގާތްކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އެންމެ ފަހުން ޢާންމުކުރި މަޢުލޫމާތުގައިވާގޮތުގައި މިހާރު އެޢަދަދުވަނީ ގާތްގަނޑަކަށް %50އަށް އިތުރުވެފައެވެ. ނަމަވެސް ޙަމަލާގެ އަސަރުކޮށްވާ 109 މީހުންގެ ތެރެއިން 76 މީހުން އަލުން އަނބުރާ ވަޒީފާއަށް ނުކުމެފައިވާކަމަށް އެމެރިކާގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ އީރާނުން ޙަމަލާއިން އެމެރިކާގެ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ތަފްޞީލު އެމެރިކާގެ އަސްކަރިއްޔާއިން އެންމެ ފުަރަތަމަ ޢާންމުކުރުމުން ޓްރަމްޕް ވިދާޅުވެފައިވަނީ އެއީ މާބޮޑުކަމެއް ނޫންކަމަށާއި އެއީ ބޮލުގައި ރިއްސުންފަދަ ކުދިކުދި ކަންކަންކަމަށެވެ.
އީރާނުން ދިން ޙަމަލާގެ އަސަރުކޮށްފައިވާ އެމެރިކާ ސިފައިންގެ ޢަދަދު އިތުރުވަމުންދާނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއިމެދު އަމަލުކުރަމުންދާ ސިޔާސަތުތަކަށް ފާޑުކިޔުންތައް އިތުރުވާނެކަމަށް ބެލެވެއެވެ.