ވިޔަފާރި

ޓީއެމްއޭއިން އެދެނީ ކުރިން އެއްބަސްވެފައިވާ ގޮތަށް، އައު ޓާމިނަލް އެކުންފުންޏަށް ދިނުމަށް


ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)އިން ބޭނުންވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ސީޕްލޭން ޓާމިނަލްގެ ހިންގުން ކުރިންވެސް އެއްބަސްވެފައިވާ ގޮތަށް އެކުންފުންޏަށް ދިނުންކަމަށް ޓީއެމްއޭއިން ބުނެފިއެވެ.

ޓީއެމްއޭއިން މިހެން ބުނެފައިވަނީ ވެލާނާ އެއަރޕޯޓުގެ އައު ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތަކާގުޅިގެން ޓީއެމްއޭގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޙާޒިރުކޮށް މަޝްވަރާކުރިއިރު ދެއްކި ވަހަކައިގެ ތެރެއިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީގެ މިބައްދަލުވުމުން ޗެއަރކުރެއްވީ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު، މުހައްމަދު ނާޝިޒެވެ. ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެމުން ޓީއެމްއޭގެ ފަރާތުން ބައްދަލުވުމަށް ހާރިޒުވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ 2014ވަނަ އަހަރުން ފެށިގެން އައު ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި އެމްއޭސީއެލާއެކު މަސައްކަތްކުރަމުން ދިޔަކަމަށެވެ. އަދި އެއަށްފަހު އެކި ފަހަރުމަތިން މެއިލާއި ލެޔެކިއުމުންވެސް ޓީއެމްއޭއަށް ޓާމިނަލުން ލިބޭނެ ޖާގައާއި ރޭޓްތައް އެއްބަސްވެފައިވާގޮތަށް މިހާރުވެސް ލިބެން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ނަމަވެސް މިކަމާބެހޭ އެއްބަސްވުމެއްގައި ޓީއެމްއޭއާއި އެމްއޭސީއެލްއިން ސޮއިކޮށްފައެއް ނުވެއެވެ. ފުރިހަމަ އެބަސްވުމަކަށް ނާދެވުނު ނަމަވެސް، ޓީއެމްއޭއިން ޤަބޫލުކުރަނީ އައު ޓާމިނަލުގެ ހިންގުން އެފަރާތަކަށް ކުރިން އެއްބަސްވެފައިވާ ގޮތަށް ދޭނެކަމަށް ކަމުގައި އެކުންފުނީގެ ބޭފުޅުން މާލިއްޔަތު ކޮމިޓީގައި ވިދާޅުވިއެވެ.

އެބޭފުޅުން ވިދާޅުވީ 2014ވަނަ އަހަރު ޓީއެމްއޭއިން އެއްބަސްވެފައިވާނީ އައު ޓާމިނަލުން 13000 އަކަފޫޓުގެ ޖާގައެއް އެކުންފުންޏަށް ލިބޭ ގޮތަށްކަމަށެވެ. އަދި މިއާއެކު އެކި ރިސޯޓުތަކާ ވަހަކަދައްކައިގެން، ލައުންޖް ސްޕޭސް އެފަރާތްތަކަށް ދޭނެ ގޮތްތަކުގެ ތަފްސީލްވެސް ޓީއެމްއޭއިން އެކުލަވާލާފައި ވާނެކަމަށް އެކުންފުނީގެ ފަރާތުން ވިދާޅުވިއެވެ. އަދި އެމްއޭސީއެލްއިން މުޅި ޓާމިނަލް ހިންގައިގެން ލިބޭނެކަމަށް ލަފާކުރާ ވަރަށްވުރެ ބޮޑު ފައިދާއެއް ޓީއެމްއޭއިން ނެރޭނެކަމަށްވެސް އެކުންފުނީގެ ފަރާތުން ވިދާޅުވެފައިވެއެވެ.

މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ މިކަމާބެހޭ އިތުރު ފަރާތްތައް ކޮމިޓީއަށް ހާރިޒުކޮށް، އެފަރާތްތަކުގެ ވާހަކަތައް އަޑުއެހުމަށްފަހު މިމައްސަލައިގައި ގޮތެއް ނިންމާނެކަމަށެވެ.

މިދިޔަ ހަފްތާތެރޭގައި މިކަމާބެހޭ ގޮތުން ފިނޭންސް މިނިސްޓްރީންވަނީ ނިންމުންތަކެއް ނިންމަވާފައެވެ. އެމިނިސްޓްރީން ނެރުނު އުސޫލުގައި ވަނީ ސީޕްލޭން ޓާމިނަލުން ކުރިޔަށް އޮތް ދެއަހަރަށް މިހާރުވެސް ޓީއެމްއޭއިން ހިންގާ ސީޕްލޭން ޓާމިނަލާ އެއްވަރުގެ ޖާގައެއް ދޭން ނިންމާފައެވެ.

ޓީއެމްއޭއިން މިހާރު އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލަކީ ގާތްގަނޑަކަށް 5300 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. އަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ސީޕްލޭން ޓާމިނަލްގެ ސަރަހަދަކީ 16،000 އަކަފޫޓު ގެ ބޮޑު ބިމެކެވެ. ސަރުކާރުން ޓީއެމްއޭއަށް އައު ޓާމިނަލުން ޖާގަ ދިނުމަށް ނިންމާފައިވަނީ އަކަ މީޓަރެއް 10.35 އެމެރިކާ ޑޮލަރަށެވެ.