ޚަބަރު

ރާއްޖެފަދަ ޤައުމުތަކުން ދެމުންދާ އެއްބާރުލުމާއެކު، ކޮރޯނާ ވައިރަހާ ދެކޮޅަށް ބޮޑެތި ކާމިޔާބީތަކެއް


ނޮވެލް ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެފަދަ ޤައުމުތަކުން ދެމުންދާ އެއްބާރުލުމާއެކު، ބޮޑެތި ކާމިޔާބީތަކެއް ޙާސިލްވަމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒެންގް ލީޒޮންގް ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާ ނެރުނު ބަޔާނުގައި ޗައިނާގެ ސަފީރު ޒޭންގް ލީ ޒޮންގް ވަނީ، ކޮރޯނާ ވައިރަސްޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. މިބަޔާނުގައި ޗައިނާގެ ސަފީރު ވިދާޅުވީ އެ ޤައުމުން އަމަލުކުރަމުންދަނީ ދެފުށް ފެންނަ ގޮތަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އިރުޝާދުގެ ދަށުންކަމަށެވެ. ޗައިނާއިން އެންމެ 10 ދުވަހުގެ ތެރޭގައި 2 ހޮސްޕިޓަލް ބިނާކޮށް ޚިދުމަތް ދޭން ފެށުމަކީ، އެ ޤައުމުން މި ބަލި ނައްތާލުމަށް ކުރާ މަސައްކަތް ހާމަކޮށްދޭކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

ޗައިނާ ސަފީރުގެ ބަޔާނުގައި އެމަނިކުފާނުވަނީ، މި ފަދަ ނާޒުކު ދަނޑިވަޅެއްގައި ނޮވެލް ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެފަދަ ޤައުމުތަކުން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ޗައިނާގެ ރައީސް ޝީ ޖިންގް ޕިންއަށް ފޮނުވި ސިޓީފުޅުން އެކަނިވެސް ދެ ޤައުމުގެ ގާތް ގުޅުން ހާމަކޮށްދޭކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޗައިނާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ދިވެހިން އެކި ގޮތްގޮތުން ވެދެމުންދާ އެހީތެރިކަމަށް ޗައިނާ ސަފީރު ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއިން ޗައިނާއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައި މިވަނީ، ކޮރޯނާ ވައިރަހާއި ގުޅިގެން ދިވެހި ރައްޔިތުންގެ ފަރާތުން އެއް މިލިޔަން މަސްދަޅު ޗައިނާއަށް ހަދިޔާކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ދިވެހިން ތިބީ ޗައިނާ ރައްޔިތުންނާއެކުކަން ހާމަކުރުމަށް ދިވެހިންދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް ޝުޢޫރު ފާޅުކުރަމުންނެވެ.