ވިޔަފާރި

ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.81 ބިލިއަން ރުފިޔާ


އާމްދަނީގެ ގޮތުގައި މިދިޔަމަހު 1.81 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ބުނެފި އެވެ.

މިދިޔަ ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ މީރާއަށް ލިބިފައިވާއިރު، މިއީ މި މުއްދަތުގައި ލިބޭނެކަމަށް މީރާއިން ކުރިން އަންދާޒާކުރި އަދަދަށްވުރެ 7.4 އިންސައްތަ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު އިތުރުވުމާ ގުޅިގެންކަމަށް މީރާއިން ބުނެއެވެ.

ޖެނުއަރީމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އާމްދަނީގެ 44.5 އިންސައްތަ ޖީއެސްޓީގެ އާމްދަނީ ހިއްސާކުރާއިރު، އެއީ 807.13 މިލިއަން ރުފިޔާއެވެ. 2 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައި 645.04 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޖެނުއަރީމަހު މީރާއަށް ގްރީން ޓެކްސްގެ ގޮތުގައި 84.93 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 68.68 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 138.13 މިލިއަން ރުފިޔާ ލިބުނުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.