ޚަބަރު

ސްކޮޓްލެންޑުގެ މިނިވަންކަމަށް ކުރާ މަސައްކަތް ދަނީ ކުރިއަށް


އިނގިރޭސިވިލާތުން ވަކިވެ ސްކޮޓްލެންޑުގެ މިނިވަންކަމަށް ކުރާ މަސައްކަތްތައް ދަނީ ކުރިއަށްކަމަށް އެޤައުމުގެ ފަސްޓް މިނިސްޓަރ ނިކޮލަރ ސްޓަރޖަން ވިދާޅުވެއްޖެއެވެ.

ބެލްޖިއަމްއަށް ކުރެއްވި ދަތުރެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓަރޖަން ވިދާޅުވީ ސްކޮޓްލެންޑްގެ ރައްޔިތުންގެ އެދުމުގެ މަތިން އިނގިރޭސިވިލާތުން ވަކިވުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަމަށެވެ. އަދި އެކަމުގައި އަމަލުކުރާނެ އުޞޫލުތަކާމެދު އިނގިރޭސިވިލާތުގެ ސަރުކާރާ ސްކޮޓްލެންޑުގެ ސަރުކާރާމެދު އެއްބަސްވުމަކަށް އަންނަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ސްކޮޓލެންޑުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކީ ޤާނޫނީ ގޮތުން ޞައްޙަ ވޯޓަކަށް ހެދުން މުހިންމުކަމަށެވެ. އަދި އެވޯޓަކީ އިނގިރޭސިވިލާތާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރާނެ ވޯޓަކަށް ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓަރޖަން ވިދާޅުވީ ސްކޮޓްލެންޑްގެ މިނިވަންކަމަށް ގޮވާލާ ރައްޔިތުން ގިނަވަމުންދާކަމަށާއި ޑިމޮކްރެޓިކް ވެރިކަމެއްގައި ގޮތް ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް ދޭންޖެހޭކަމަށެވެ. ނަމަވެސް މިނިވަންކަން އިޢުލާނުކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭކަމަށްވެސް ސްކޮޓްލެންޑްގެ ފަސްޓް މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ސްކޮޓްލެންޑް ވަކިވެ މިނިވަން ދަޢުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް 2014ވަނަ އަހަރު އެޤައުމުގައ ނެގި ފެންނަ ނުފެންނަ ވޯޓުގައި ފަންސާސްފަސް އިންސައްތަ ރައްޔިތުން ބޭނުންވީ އިނގިރޭސިވިލާތުގެ ދަށުގައި އޮތުމަށެވެ. ނަމަވެސް ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުން ސްކޮޓްލެންޑުގެ ގިނަ ރައްޔިތުންގެ ވިސްނުންވަނީ ބަދަލުވެފައެވެ.