ޚަބަރު

ކުޅިވަރު ކުރިއެރުވުމާއި ގުޅޭ ގޮތުން އެސޯސިއޭޝަންތަކުގެ ވެރިންނާއެކު ނައިބު ރައީސް މަޝްވަރާ ކުރައްވައިފި


ކުޅިވަރު ކުރިއެރުވުމުގައި ދިމާވާ ކަންބޮޑުވުންތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ގުނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއްކަން ފާހަގަކުރައްވާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބް ޖަމުޢިއްޔާތަކާއި އަމިއްލަ ފަރުދުން އަދި ކުޅިވަރު ކުޅުންތެރިން މި ކާމިޔާބީ ހާސިލުކުރުމުގައި ކުރެއްވެވި ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުންކަމުގައި ވާއިރު ކުޅިވަރު ކުރިއެރުވުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ދާއިރާއެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައްޔާއި ދިމާވާ އެކި ކަހަލަ މައްސަލަތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން މުހިންމު ދައުރެއް އަދާކުރެއްވޭނެކަން ފާހަގަކުރައްވާ އެންމެން ގުޅިގެން މުޖުތަމަޢަށް ފައިދާކުރަނިވި ގޮތަކަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކުޅިވަރު ކުރިއެރުވުމުގައި އެސޯސިއޭޝަންތަކަށް ދިމާވާ ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ. މިގޮތުން ތަޢުލީމީ ދާއިރާގައި ސްކޫލް ކުދިންނާއި ގުޅޭ ކުޅިވަރާބެހޭ މުހިންމު ނިންމުންތައް ނިންމުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަހެއް ހޯދުމުގެ މުހިންމުކަން އެންމެހައި ބައިވެރިން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކުޅިވަރު އެސޯސިއޭޝަންތަކުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.