ޚަބަރު

މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން އަވަސް ކުރުމުގެ އުސޫލެއް ފާސްކޮށްފި


ކްލެމެންސީ ބޯޑަށް އިލްތިމާސް ފޯމް ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން ގޮތަށް އައު އުޞޫލު ފާސްކޮށްފިއެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އައު އުސޫލް ފާސްކުރީ ކްލެމެންސީ ބޯޑުގެ މައްސަކަތްތައް ހަލުވި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރުމަށްފަހު ކަމަށެވެ.

ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ބޯޑެކެވެ. އެ ޤާނޫނުގެ ދަށުން، ބޯޑުގެ ރައީސަކީ އެޓަރނީ ޖެނެރަލްއެވެ. އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެޑްމިނިސްޓްރޭޝަން ޑިވިޜަނުންނެވެ. އާންމު އުޞޫލެއްގެ ގޮތުން ކްލެމެންސީއާ ގުޅުންހުރި ކަންކަމުގައި މަޢުލޫމާތު ފޯރުކޮށްދޭނީ ހަމައެކަނި އެ މަޢުލޫމާތެއް ހޯދުމަށް އެދި ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކަށެވެ.

11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރަކާއި، ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާޢީ ދާއިރާގެ ބޭފުޅަކާއި ޞިއްޙީ ދާއިރާގެ ބޭފުޅަކާއި ދީނީ ޢިލްމުގެ ބޭފުޅެކެވެ. މީގެއިތުރުން މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއް އެ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.