ކުޅިވަރު

ގަލޮޅު ދަނޑުގައި މާޒިޔާ ބަލިކުރެވޭނެ: ލެމޯސް


ގަލޮޅު ދަނޑުގައި ބުދަ ދުވަހު ކުޅޭ އޭއެފްސި ކަޕުގެ ޕްރިލިމިނަރީ މެޗުގައި މާޒިޔާ ބަލިކުރެވޭނެ ކަމަށް ބަނގްލަދޭޝްގެ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނެފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އާސިއަން ރީޖަނުގެ ސެމީ ފައިނަލް ކުޅުނު ޓީމު ވަނީ އަމިއްލަ ދަނޑުގައި މާޒިޔާއާ ވާދަކޮށް 2-2އިން އެއްވަރުވެފަ އެވެ. މިހެންވެ މާލޭގައި ކުޅޭ މެޗުން ދެ ލަނޑަށްވުރެ ކުޑަތަފާތަކުން އެއްވަރުވިނަމަވެސް މާޒިޔާ ދެ ވަނަ ބުރަށްދާނެ އެވެ.

ނަމަވެސް ލެމޯސް ބުނީ އޭނާގެ ޓީމުގެ އެޓިޓިއުޑް ރަނގަޅުކޮށްފިނަމަ މާލޭގައި މޮޅުވުމަކީ ނުވާވަރުގެ ކަމެއްނޫން ކަމަށެވެ.

"ރަށުން ބޭރުގައި މޮޅުވާން އުނދަގޫވާނެ. އެކަމަކު އިންޓަނޭޝަނަލް މެޗެއްގައި ކުޅެންޖެހޭ ފަދަ ފޯރިއަކާއި ޖޯޝެއްގައި ކުޅެފިނަމަ މިއީ އަހަރުމެންނަށް ނުވާވަރުގެ ކަމެއްނޫން. ކުރީ މެޗުގައި އަހަރުމެންގެ މުޅި ޓީމު ވެސް ފެނުނީ ސްލޯކޮށް. ފޯވަޑުންގެ ފަރާތުން ވަރަށް ފަސޭހަ ފުރުސަތުތައް ވަނީ ނަގާލެވިފައި. މާޒިޔާ ޖަހާފައިވަނީ ވެސް ވަރަށް ފަސޭހަ ދެގޯލު. އަހަރެން ހައިރާންވި އަހަރެންގެ ޓިމު އެ މެޗުގައި އެހާ ދަށްކޮށް ކުޅުމުން. އަހަރެންނަށް ވިސްނާވިސްނާ ވެސް ނުވިސްނުނު އެހެންވާންވީ ސަބަބެއް،" ލެމޯސް ބުންޏެވެ.

އޭނާ ބުނީ މާޒިޔާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް އަބަހާނީގެ ޓީމު މާބޮޑަށް ވަރުގަދަ ކަމަށެވެ.

"އަހަރުމެންނަށް އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ ގިނަ ދުވަސްތަކެއް ވަންދެން މެޗު ނުކުޅެ ތިބުމުގެ މައްސަލަ. އެކަމަކު އެހުރިހާ ކަމެއް ބަހައްޓާފައި މިއީ ނަތީޖާނެރެންޖެހޭ މެޗެއްކަން ކުޅުންތެރިން ވިސްނައިގެން ކުޅެފިނަމަ މޮޅުވެވޭނެ. މިހާރު ނަތީޖާ އޮތްގޮތުން މާޒިޔާ އޮތީ ވަރަށް ބޮޑު އެޑްވާންޓޭޖެއްގައި. އެކަމަކު މެޗެއްގެ ނަތީޖާ ބަދަލު ކުރެވޭނީ ވިސްނުންތެރިކަމާއެކު ވަރަށް ކެރިގެން ކުރިމަތިލައިގެން،" ލެމޯސް ބުންޏެވެ.

އޭނާ ބުނީ މާޒިޔާއަށްވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ ވެސް އަބަހާނީ ވަނީ ކާމިޔާބު ހޯދައިފައި ކަމަށާއި މިކަންކަން ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށެވެ.