ވިޔަފާރި

ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ހޮރައިޒަންއާއެކު ޤާއިމްކުރި އެއްބަސްވުން އުވާލަނީ


ރާއްޖޭގެ ދެކުނުގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް ހޮރައިޒަން ފިޝަރީޒްއާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

14 އަހަރު ކުރިން ހޮރައިޒަން ފިޝަރީޒްއާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ މަސައްކަތް ފަށާފައިވާކަން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އެކަމާ ގުޅޭގޮތުން މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހޮރައިޒަންއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކުރިއަށް ނުދާތީ އެކަމާ ގުޅިގެން މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ ގއ އިން އައްޑޫ ސިޓީއާ ދެމެދުގައި ހިމެނޭ ޒޯން 4ގައި ބާނާ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ހޮރައިޒަންއާއެކު ސަރުކާރުން އެއްބަސްވުމެއް ޤާއިމްކުރީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހުކަމަށެވެ. އަދި އޭގެފަހުން 8 ޑިސެމްބަރު 2005 ގައި ހޯޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު ސަރުކާރުން ސޮއިކުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެކުންފުންޏަށް ހޯޑެއްދުއިން އަކަ ފޫޓެއް 15 ލަރީގެ ރޭޓުން 13.5 ހެކްޓަރުގެ ބިމެއް ވަނީ ކުއްޔަށް ދީފައެވެ. އަދި އެއްބަސްވުމުގެ ދަށުން 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް އެކުންފުނިން ޤާއިމްކުރަންޖެހެއެވެ.

މިނިސްޓަރ ވިދާޅުވީ އޭރު މަސައްކަތް ނުފެށި އޮތީ ހޯޑެއްދޫއާއި މަޑަވެލި ގުޅާލުމަށް ސަރުކާރުން ކުރި މަސައްކަތްތަކެއްގެ ސަބަބުންކަމަށެވެ.

"ހޯޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ފުރަތަމަ ލަސްވެފައިވަނީ ޝޯބޭސް އިންވެސްޓްމަންޓް ޤާއިމްކުރުމަށް ހޯޑެއްދޫ ބަނދަރު ފުންކުރާއިރު ނަގާފައިވާ ވެލި ޑްރެޖް މެޓީރިއަލްސް ބޭނުންކޮށްގެން ހޯޑެއްދޫއާއި މަޑެއްވެއްޔާ ދެމުގައިވާ ސަރަޙައްދު ހިއްކުމުގެ މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން 19 މާޗު 2007 ނިންމުމާ ގުޅިގެން. އެކި ސަބަބުތަކާހުރެ މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމުގެ މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއްވަނީ ފާއިތުވެފައި، އަދި ހޮރައިޒަން ފިޝަރީޒް ލިމިޓެޑަށް ކުއްޔަށްދީފައިވާ ސަރަޙައްދުގައި ވެލި ފުނިތައް ހުރުމުން ހޮރައިޒަންއިން އިމާރާތްކުރަންޖެހޭ އިމާރާތްތައް ފެށެން ނެތްކަމަށް އޭރު އެކުންފުނިން ވަނީ އަންގާފައި. އަދި އޭރު މިމަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗަށް ސައިޓުގައި ހުއްޓާ އަލިފާނުގެ ހާދިސާއެއްގައި އެތަކެތި ވަނީ އަނދާފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް 2005 ވަނަ އަހަރު ހޯޑެއްދުއިން ހޮރައިޒަންއަށް ދީފައިވާ ބިމުގައި ހުރި ވެލި ފުނިތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ ހޯޑެއްދޫގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތް ފެށުމުންކަމަށެވެ.

"ހައުސިންގ މިނިސްޓްރީން މި ވެލިތައް ނަގާ ނިމޭ ތާރީހުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި ހޯޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނިންމުމަށް މަޝްރޫޢުގެ ވޯކް ޕްލޭން އިސްލާހުކޮށްފައި ފޮނުވައިދިނުމަށް މި މިނިސްޓްރީން ވާނީ 10 ފެބްރުއަރީ 2016 ގައި އެކުންފުންޏަށް އަންގާފައި. އެއަށްފަހު މި ސަރުކާރު ވެރިކަމާ ޙަވާލުވުމާ ހަމައަށް ހޯޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސް ނިންމާ، މަސް ގަތުމަށް ބާރު އެޅުމަށް ލިޔެކިޔުމުން އެއްވެސް މުޢާމަލާތެއް ހިންގާފައެއް ނެތް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހުވެސް ހޯޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އަވަސްކުރަން މަސައްކަތްތަކެއް ކުރިކަމަށެވެ. ނަމަވެސް ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ފެށެން 2 އަހަރާއި 6 މަސް ދުވަސް ނަގާނެކަމަށް ހޮރައިޒަންއިން މިނިސްޓްރީއަށް އެންގިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އޭގެފަހުން މިނިސްޓްރީން އެންގި އެއްވެސް އެންގުމަކަށް އެކުންފުނިން ޖަވާބުދާރީވެފައިނުވާތީ، ހޮރައިޒަންއާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން ކުރިއަށްގެންދިޔަ މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައިނުވާތީ، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޓަނީ ޖެނަރަލްގެ އޮފީހުގައި ވާނީ ދަންނަވާފައި. މިކަމުގައި މަސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ ހަޤީޤީ ކަންބޮޑުވުމެއް. އެހެންކަމުން ދައުލަތަށް އެންމެ ބުރަ ކުޑަ ގޮތަކަށް މިކަމުގައި ހައްލު ހޯދުމަކީ ސަރުކާރުގެ އަމާޒެއް" މިނިސްޓަރ ވިދާޅުވިއެވެ.

ހޯޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށް ޙަވާލުކުރި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެކުންފުނިން ލ އަތޮޅު މާންދޫގައި މިހާރުވެސް ދަނީ ފިޝަރީޒް ކޮމްޕްލެކްސްއެއް ހިންގަމުންނެވެ.