ޚަބަރު

ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުޞަތު އަލްޙާފިޡާ އާލާ ޢަޡްމަތު ޖަމީލަށް


މިޞްރުގެ ޤާހިރާގައި އޮންނަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއްގައި ރާޢްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރަކަށް ލިބިއްޖެއެވެ.

މިޞްރުގެ ޤާހިރާގައި އޮންނަ "27 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީޤުރުއާން" މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބުނު ދަޢުވަތުގައި ފޮނުވާނެ ދަރިވަރަކަށް ހޮވިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރެއް ކަމުގައިވާ އަލްޙާފިޡާ އާލާ ޢަޡްމަތު ޖަމީލުއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވެރެއްކަމުގައިވާ އާލާ ހާފިޘްކަމުގެ ސަނަދު ހާޞިލްކޮށްފައިވަނީ 2016 ވަނަ އަހަރު ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުންނެވެ. އަދި ޝަހާދަ ޘާނަވިއްޔާ ހާސިލްކޮށްފައިވަނީ ޢަރަބިއްޔާ ސުކޫލުންނެވެ.

އަލް ހާފިޘާ އާލާ ވަނީ 2017 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި 59 ވަނަ އިންޓަރނޭޝަނަލް އަލްޤުރްއާންރިސައިޓަލް އެންޑް މެމޮރައިޒިންގ އެސެމްބްލީ މުބާރާތުގެ އިތުރުން އެ އަހަރު ދުބާއީ ގައި ބޭއްވި ޝައިޚާ ފާޠިމާ ބިންތި މުބާރަކު ބައިނަލް އަޤްވާމީ 2 ވަނަ ޤުރްއާން މުބާރާތުގައިވެސް ބައިވެރިވެ ޤުރުއާން ކިޔަވާފައެވެ.

"27 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީޤުރުއާން" މުބާރާތުގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތްޕެއްގައި 1 ކެނޑިޑޭޓަކު ބައިވެރި ކުރުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ. އެގޮތުން މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާނީ ތަޖުވީދުގެ ހަމަތަކާއެކު މުޅި ޤުރްއާން ހިތުދަސް ބައިންނެވެ.

ދުނިޔޭގެ 70 ވަރަކަށް ޤައުމުން ބައިވެރިވާ މިމުބާރާތަކީ، ކޮންމެ އަހަރަކުވެސް މިސްރުގެ މިނިސްޓްރީ އޮފް އައުޤާފުން އިންތިޒާމު ކުރާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ ކެނޑިޑޭޓުގެ ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ދިނުމަށް ހަމަޖެހިފައިވަނީ މިޞްރު ސަރުކާރުންނެވެ.