ޚަބަރު

7 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ދިވެހިރާއްޖޭގެ އަޑުން ބާއްވާ 7 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތް "ކުލަވަރު"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި 15 އޭޕްރީލްގެ ކުރިން ޑްރާމާ ރެކޯޑްކުރުމަށްފަހު ޕީއެސްއެމްއަށް ހަވާލުކުރަން ޖެހެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ކޮންމެ ރަމަޟާން މަހެއްގައި ގެނެސްދޭ މި މުބާރާތަކީ ރޭޑިއޯ ޑްރާމާ ލިޔުމުގެ ފަންނާއި ރޭޑިއޯ ޑްރާމާ އުފައްދާ ހުށަހެޅުމުގެ ފަންނު ދިރުވައި އާލާކުރުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި އަދަބީ ގޮތުންނާއި ފިކުރީގޮތުން ފެންވަރު ރަނގަޅު އުފެއްދުންތަކަށް މަގުފަހިކުރުމާއި، އެފަދަ އުފެއްދުންތަކުގެ ޒަރީއާއިން މުޖުތަމައަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދިނުމަކީވެސް މި މުބާރާތުގެ މަޤްޞަދެކެވެ.

މި މުބާރާތަކީ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ އޮފީސްތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކަށް ހުޅުވާލާފައިވާ މުބާރާތެކެވެ. މިމުބާރާތަށް ހުށަހަޅާ ޑްރާމާ 22 މިނިޓަށްވުރެ ދިގުވެގެން ނުވާނެއެވެ. އަދި 20 މިނިޓަށްވުރެ ކުރުވެގެންވެސް ނުވާނެއެވެ.

މި މުބާރާތަށް ހުށަހެޅޭ ކޮންމެ ޑްރާމާއެއްވެސް ޕީއެސްއެމްގެ އެޑިޓޯރިއަލް ގައިޑްލައިނަށް ފެތެންވާނެއެވެ.
މި މުބާރާތަށް ހުށަހެޅޭ ޑްރާމާ ލިޔ،ެ ދިވެހި ބަހުން ހުށައަޅަންޖެހޭއިރު ކޮންމެ ޑްރާމާއެއްވެސް އިޖުތިމާއީ އަޚުލާޤީ މިންގަނޑުތަކަށް ފެތެންވާނެއެވެ. ދިވެހިންގެ ދިވެހިވަންތަކަމާއ،ި ދީނީ އެއްބައިވަންތަކަމާ ފުށު އަރާ ޑްރާމާއެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި ސިޔާސީގޮތުން އެއްވެސް ފަރާތެއްގެ މަސްލަހަތު ކުރިއަރުވ،ާ ނުވަތަ އެއްވެސް ފަރާތެއްގެ މަސްލަހަތަށް އުނިކަމެއްގެނުވާ ފަދަ ޑްރާމާއަކަށް ވެގެންނުވާނެއެވެ.

މީގެ ިއތުރުން ކޮޕީރައިޓްސްގެ މައްސަލައެއް ޖެހިގެން ހިނގާ ކޮންމެ ކަމެއްގައި ޒިންމާ އުފުލަން ޖެހޭނީ ޑްރާމާ ހުށަހަޅާ ފަރާތުންނެވެ. އަދި އެފަދަ މައްސަލައެއްގައި އެ ޑްރާމާ އުފެއްދި ފަރާތާ ދެކޮޅަށް ޝަރުއީގޮތުން ހުކުމެއް ކޮށްފިނަމަ، އެ ޑްރާމާއެއް މުބާރާތުން ވަކި ކުރެވޭނެއެވެ. އަދި އެ ޑްރާމާއަކަށް އެއްވެސް ވަނަ އެއް ލިބިފައިވާނަމަ، އެ ވަނަވެސް ބާޠިލްކުރެވޭނެއެވެ

މި މުބާރާތުގެ އެންމެ މޮޅު ޑްރާމާއަށް ވިހި ހާސް ރުފިޔާ އަދި އެވޯޑް ވަނީ ހުށައަޅާފައެވެ.
2 ވަނަ ޑްރާމާއަށް ފަނަރަ ހާސް ރުފިޔާ އަދި 3 ވަނަ ޑްރާމާއަށް ދިހަ ހާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ސްކްރިޕްޓް، އެންމެ މޮޅު އަންހެން އަދި ފިރިހެން ވޮއިސް އާޓިސްޓް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު ޗައިލްޑް ވޮއިސް އާޓިސްޓް، އެންމެ މޮޅު ސަޕޯރޓިން އަންހެން އަދި ފިރިހެން ވޮއިސް އާޓިސްޓް އަދި އެންމެ މޮޅު ޕްރޮޑިއުސަރަށް އެވޯޑާއި ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ.

މި މުބާރާތުގެ ޤަވާޢިދު ޕީއެސްއެމްގެ ވެބްސައިޓްގައި މިހާރުވަނީ ޝާއިއުކޮށްފައެވެ.