ޚަބަރު

އަޑުގެ ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހު ކުރިން ދިވެހިރާއްޖޭގެ އަޑަށް ފޯމް ހުށައަޅަންޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ވާހަކަތައް އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ކުރިން ދިވެހި ރާއްޖޭގެ އަޑަށް ހުށައަޅަންޖެހެއެވެ.

މި މުބާރާތަކީ ދިވެހި ބަހުގެ ކިޔުންތެރިކަމާއި ހުށަހެޅުންތެރިކަމުގެ ފަންނު ދިރުވައި އާލާކޮށް، އެ ފަންނާމެދު މީހުން ޝައުޤުވެރި ކުރުވުމުމުގެ މަޤްޞަދުގައި ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މުބާރާތެކެވެ. މީގެ އިތުރުން މި މުބާރާތް މެދުވެރިކޮށް އަދަބީ ގޮތުންނާއި، ފިކުރީގޮތުން ފެންވަރުރަނގަޅު އުފެއްދުންތަކަށް މަގުފަހިކޮށް، އެފަދަ އުފެއްދުންތަކުގެ ޒަރިއްޔާއިން، މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދީ ދިވެހި ބަހުން ކުރުވާހަކަ ލިޔުމުގެ ފަންނު ދިރުވައި އާލާކުރުމަކީވެސް މި މުބާރާތުގެ މަޤުޞަދެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރާއެއް ނެތްނަމަވެސް ޕްރޮފެޝަނަލް ވާހަކަ ލިޔުންތެރިންނަށާއި ކުރިން މިމުބާރާތުގައި ބައިވެރިވެ އެއްވަނަ ހޯދާފައިވާ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތެއް ނޯވެއެވެ. މި މުބާރާތަށް އެކަކަށް އެއްވާހަކައަށްވުރެ ގިނަވާހަކަ ލިޔުމާއި ކިޔުމުގެ ފުރުޞަތުވެސް އޮވެއެވެ.

މި މުބާރާތަށް ހުށަހަޅާ ވާހަކައެއް ކިޔުމުގައި 19 މިނެޓަށްވުރެ ކުރުވެގެން ނުވާނެއެވެ. އަދި 21 މިނިޓަށްވުރެ ދިގުވެގެން ނުވާނެއެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވަނަވަނައަށްދާ ފަރާތްތަކަށް ފައިސާގެ އިނާމްދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މުބާރާތުގެ ލިޔުންތެރިކަމުގެ ބައިން އެވަނައަށްދާ ފަރާތަކަށް ދިހަހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނައަށް ހަތްހާސް އަދި ތިންވަނައަށްދާ ލިޔުންތެރިއަކަށް ފަސްހާސްރުފިޔާ ދޭގޮތަށް ވަނީ ނިންމާފައެވެ.

މިމުބާރާތުގެ އެއްވަނަ ކިއުންތެރިޔާއަށާއި އެއްވަނަ ލިއުންތެރިޔާއަށް ޓްރޮފީއެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމުބާރާތުގެ ކިޔުންތެރިކަމުގެ ބައިން އެއްވަނައަށް ދާފަރާތަކަށް ފަސްހާސް، ދެވަނައަށް ތިންހާސް އަދި ތިންވަނައަށްދާ ފަރާތަކަށް ދެހާސް ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

ކޮންމެ އަހަރަކު ރަމަޟާންމަހު ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ކުރުވާހަކަމުބަރާތަކީ އާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ މުބާރާތެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި މިފަދަ މުބާރާތްތަކުން މުޖުތަމަޢަށްވަނީ އަގުހުރި މެސެޖްތަކެއް ދީފައެވެ.