ޚަބަރު

16 އަތޮޅެއްގެ ކަނޑުފަޅު ދިރާސާކޮށް ނިންމައިފި


ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަތުމާއި، ކަނޑުގެ މާހައުލާ މަސްމަހާ މެހީގެ އާބާދީގެ ދިރާސާގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ. ރާއްޖޭގެ ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން 26 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މިދިރާސާގައި ރާއްޖޭގެ އުތުރުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމަޔަށް 16 އަތޮޅެއްގެ ފަރުތަކާއި ކަނޑުގެ މާހައުލާއި ގުޅޭ މަޢުލޫމާތާއި ޑޭޓާ ވަނީ ނަގާފައެވެ.

ރާއްޖޭގެ ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ކުރިއަށް ގެންދިޔަ މިދިރާސާގައި ދިވެހި ސައިންޓިސްޓުންގެ އިތުރުން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ ފަރާތުން، 8 ޤައުމެއްގެ ސައިންސްވެރިން ބައިވެރިވެ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި އެންމެ ފަހުގެ އުކުޅުތައް ބޭނުންކޮށްގެން ޑޭޓާ ނަގާފައިވެއެވެ. މިގޮތުން، 3ޑީ އިމޭޖިންގ، އީ-ޑީއެންއޭ ސާންޕަލިންގ، މަހާއި އެހެނިހެން ދިރުންތައް ބެލުމާއި އަދި ފެނުއަޑީގެ ވީޑިޔޯ ސިސްޓަމްސް ބޭނުންކޮށްގެން ފެނުގެ ފެންވަރު ބެލުންފަދަ ކަންކަން ހިމެނެއެވެ.

މި ދިރާސާގެ ފުރަތަމަ ބުރުގައި ވަނީ ފަރުތަކުގެ ދިރުންތަކާއި މަހުގެ އާބާދީއާ މޫދުގެ ފެނުގެ ހާލަތު ފަދަ މައުލޫމާތުތައް އެއްކޮށްފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގައި 978 ސައިންޓިފިކް ޑައިވް ނިންމައި، 690 ގަޑިއިރުގެ ފެނުއަޑީގެ ވީޑިއޯ ވަނީ ނަގާފައެވެ.

48 ފަރެއްގެ ތްރީޑީ ފޮޓޯ ނަގާފައިވާއިރު، މަހުގެ 330 ބާވަތެއް ވަނީ ދެނެގަނެފައެވެ. އޭގެ ތެރެއިން 80 ބާވަތެއްގެ މަހަކީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ މަސްތަކުގެ ރެޑް ލިސްޓުގައި އައިޔޫސީއެން އިން ހިމަނާފައިވާ މަސްމަހެވެ. މި ދިރާސާގައި 274،004 މަސް ގުނާފައިވާއިރު، ފަރުގެ ދިރުންތައް ދެނެގަތުމަށް 524 އީޑީއެންއޭ ސާންޕަލް ނަގާފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ.

މި ސާވޭގެ މަސައްކަތް ނިމިދިޔަ ޖަނަވަރީމަހު ކުރިޔަށްދިޔައިރު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދިރާސާގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ގޮތުން ހދ އަތޮޅުގައި މި ދިރާސާ ކުރިޔަށްގެންދިއުމުގައި ބޭނުންކުރަމުންދިޔަ ބޯޓަށް ވަޑައިގެން ދިރާސާގެ މަސައްކަތްކުރިޔަށްގެންދަވާ ޓީމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ދިރާސާ ކުރިޔަށްދާ ގޮތާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަރުގެ ދިރުންތައް ބައްލަވާލެއްވުމުގެ ގޮތުން ފީނުމުގެ ހަރަކާތެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މިދިރާސާގެ ފުރަތަމަ ބައި ނިންމުމުގެ ގޮތުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަޙީދު ވަނީ ކަނޑުތަކުގެ ހިމާޔަތަށްޓަކައި ކުރިއަށްވުރެ މަޢުނަވީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއްކަމަށާއި، މި ދިރާސާއަކީ މިގޮތުން އެޅުނު ފުރަތަމަ ފިޔަވަޅުކަން ފާހަގަ ކުރެއްވިއެވެ.

"މިދިރާސާގައި އެއްކުރެވުނު މަޢުލޫމާތާއި ތަފާސްހިސާބުތަކުން ނެރެވޭ ނަތީޖާތައް އަވަސް ފުރުސަތެއްގައި ފެންނާނެކަމަށް އުންމީދުކުރަން" މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަޙީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވެއިޓް އިންސްޓިޓިއުޓްގެ ސައިންސް އެންޑް ފީލްޑް ޑިރެކްޓަރ، އެންޑީ އެސްޓެޕް އެންމެ ބޮޑަށް ފާހަގަކުރެއްވީ ގާހުދުވުމާއި މަސްވެރިކަމުގެ ސަބަބުން ފަރުތަކަށް ކޮށްފައިވާ އަސަރެވެ. އެގޮތުން، މިދިރާސާގައި ކުރެވުނު ޑައިވްތަކުގައި އެއަސަރުތައް ފެނިގެންދިޔަ ކަމަށާއި ހަމަ އެއާއިއެކު މިފަދަ އެކި އެކި ގޮންޖެހުންތަކުން އަރައިގަނެވޭނެކަމުގެ ނިޝާންތަކާއި، މުސްތަޤްބަލަށް ބަލާއިރު އުއްމީދުކުރަނިވި ކަންތައްތައްވެސް މިދިރާސާގެ ތެރޭގައި ފާހަގަކުރެވިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިރާސާގައި އެއްކުރެވުނު މަޢުލޫމާތުތަކާއި ހިސާބުތަކުގެ އަލީގައި ފަރުތަކުގެ ހިމާޔަތަށް އަދި މަސްމަހާމެހީގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ހަރުދަނާ ފިއަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ." ވެއިޓް އިންސްޓިޓިއުޓްގެ ސައިންސް އެންޑް ފީލްޑް ޑިރެކްޓަރ، އެންޑީ އެސްޓެޕް ވިދާޅުވިއެވެ.

މި ދިރާސާއަކީ ދިވެހިރާއްޖެއިން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއާއި ގުޅިގެން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތައް ކަމަށްވާ ހުވަދު އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ ދިރާސާތައް އަންނަ މާރޗް މަހުގެ ކުރީކޮޅު ފަށާނެކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ. މިމަސައްކަތްތަކަކީ މިކޯލިޝަންގެ އިތުރުން، ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި، ބައެއް އަމިއްލަ ޖަމިއްޔާތަކާއި އެހެނިހެން ފަރާތްތައް ގުޅިގެން ކަނޑުފަރުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި ހިމާޔަތްކުރުމަށް ހިންގޭ 5 އަހަރު ދުވަހުގެ މަސައްކަތެކެވެ.