ވިޔަފާރި

ޗައިނާގެ ކާރުހާނާތައް ނުހުޅުވި، ކުންފުނިތައް ހާސްކަމެއްގައި!


ޗައިނާއަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ ގިނަ ކާރުހާނާތަކެއް ހިންގާ ޤައުމެކެވެ. މިގޮތުން ޓެކްނޮލޮޖީ ކުންފުނިތަކާއި، އެކި ބާވަތުގެ ވެހިކަލްތަކާއި އެނޫންވެސް ގިނަ އުފެއްދުންތަކެއް ބާޒާރަށް އަންނަނީ ޗައިނާގެ ކާރުހާނާތަކުންނެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރުމަހުން ފެށިގެން ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ސަބަބުން ބައެއް ކާރުހާނާތައް ވަނީ ބަންދުކޮށްފައެވެ. ޗައިނާގެ ގިނަ ކާރުހާނާތަކެއް ބަންދުކުރުމުން ދުނިޔޭގެ އެކި ކުންފުނިތަކުން ބާޒާރަށް ނެރޭ ގިނަ އުފެއްދުންތަކެއް އުފެއްދުމަށް ވަނީ ބުރޫ އަރާފައެވެ. އަދި ބައެއް ތަކެތީގެ ސްޓޮކް ދުނިޔޭގެ ބަޒާރުންވެސް ހުސްވެދާނެކަމުގެ ބިރު ބޮޑުކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ ކާރުހާނާތައް ބަންދުކުރުމުން ކުރިމަތިވާ ގެއްލުން ކުޑަކުރުމަށް ކުންފުނިތަކުން ދަނީ ކާރުހާނާތައް އަވަހަށް ހުޅުވުމަށް ޗައިނާގެ ސަރުކާރުގައި އެދެމުންނެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން ޗައިނާ ސަރުކާރުން ގިނަ ކާރުހާނާތަކެއް ބަންދުކޮށްފައިވާއިރު، ޗައިނާގައި މިހާރު ފާހަގަކުރަމުންދާ އާ އަހަރުގެ ޗުއްޓީއަށް ބަންދުކުރި ކާރުހާނާތައްވެސް ހުޅުވާނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް ބައެއް ވިޔަފާރިތަކުން ބުނެއެވެ. އަދި ކާރުހާނާތައް ނުހުޅުވައިފިނަމަ ގިނަ ކުންފުނިތަކެއްގެ އުފެއްދުންތައް ބާޒާރަށް ނެރެން ދަތިތަކާ ކުރިމަތިވެ، ބާޒާރުގައި ތަކެތީގެ އަގު ވަރަށް ބޮޑު އުފުލިގެންދާނޭކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ޗައިނާގެ ކާރުހާނާތައް ހުޅުވާނެ ދުވަހެއް ނޭގޭއިރު، ތަޖުރިބާކާރުން ލަފާކުރާ ގޮތުން ޗައިނާގެ ގިނަ ކާރުހާނާތައް އަލުން ހުޅުވޭނީ އޭޕްރިލް ހިސާބުގައެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާނެކަމަށް ލަފާކުރާއިރު، އެންމެ ބޮޑަށް އަސަރުކުރާނެކަމަށް ބެލެވެނީ ކާރުހާނާތަކުގައި ކުރިއަށްދާ ތަކެތި އުފެއްދުމުގެ ވިޔަފާރިތަކުގެ އިތުރުން، ވައިގެ ސިނާޢަތާއި، ޓުއަރިޒަމް ސިނާޢަތްކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. އަދި ކޮރޯނާވައިރަސް ފެތުރުން ނުހުއްޓުވިއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު އަސަރެއްކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.