ކުޅިވަރު

އެސިސްޓަންޓް ކޯޗުކަން ގަބޫލުކުރީ ކަންކަން ރަނގަޅު ކުރަން ފުރުޞަތު ލިބުމުން: ސުޒޭން


ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ގަބޫލުކުރީ ފުޓްބޯޅައިގައި ހުރި މައްސަލަތައް ހައްލުކުރަން އެފްއޭއެމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭނާއާއެކު ގައުމީ ޓީމާއި އެފްއޭއެމުގެ ގޯލްކީޕިން ކޯޗެއްގެ ގޮތުގައި ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ސުޒޭން ބުނީ އޭނާއަކީ މިވީހާތަނަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފާޑުކިޔައި ހެދި މީހެއްނޫން ކަމަށާއި ފާޑުކިޔާފައިވަނީ ފުޓްބޯޅައިގައި ހުރިކަންކަން ރަނގަޅު ކުރަން ކަމަށެވެ. އަދި އޭނާ ކޮޅު ބަދަލުކުރީ އެފްއޭއެމުގެ އިންތިޚާބާހެދި ނޫން ކަމަށާއި ކުރިއެކޭއެއްގޮތަށް އަދިވެސް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެވާހަކަ ދައްކާނެ ކަމަށެވެ.

ސުޒޭން ބުނީ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ކުރިއަށްއޮތްތަނުގައި އެންމެންގެ އިތުބާރު ބޮޑުކުރުމަށް އޭނާއަށް ދެވެންހުރި ހިޔާލުތައްދީ ޤައުމީ ޓީމު ވަރުގަދަކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭނާގެ އެހީތެރިކަމަށް އެއްވެސް ބަޔަކު އެދެފިނަމަ އެބަޔަކު މާޔޫސްކޮށްލަން ބޭނުންނުވާ ކަމަށާއި އެފްއޭއެމުން ފުރުޞަތު ދިންކަމަށްޓަކައި ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރުއަދާކުރާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާނު ބުނީ މިއީ އޭނާ އެދިއެދިހުރި ފުރުސަތެއް ކަމަށާއި ފުރުސަތު ދިނުމުން އެފްއޭއެމަށް ޝުކުރު އަދާކުރާ ކަމަށެވެ. އެފްއޭއެމުގެ ރައީސް ބައްސާމް އަދީލްޖަލީލް ވިދާޅުވީ ސުޒޭން ޤައުމީ ޓީމަށް ގެނައީ އޭނާ އަކީ ދިވެހި ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ އަދި ކުޅުންތެރިން ނުހަނު މޯޓިވޭޓްކުރުވާ ކޯޗަކަށްވެފައި އޭނާ އަކީ ކުޅުންތެރިން ވެސް އެހާމެ ބޮޑަށް އިހްތިރާމްކުރާ ކޯޗަކަށްވުމުން ކަމަށެވެ.

އަދި އޭނާ ބޭނުންފުޅުވަނީ ފުޓްބޯޅައިގައި އެންމެ ވަރުގަދަ މީހުން އެފްއޭއެމާއެކު މަސައްކަތް ކުރަން ކަމަށާއި ކީޕަރު އިމްރާނަކީ ކީޕަރުންނަށް ހުރި ނަމޫނާއެއް ކަމަށެވެ. މިހެންވެ ޒުވާން ކީޕަރުންނަށް ބުނެދޭން ކުރީގެ ކީޕަރު އަސްލަމް އަބްދުއްރަހީމާއެކު އިމްރާން ހުރުމަކީ އޭގެ ހެޔޮނަތީޖާ ވަރަށް ރަނގަޅުވާނެ ކަމެއް ކަމަށެވެ.