ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިފައިންގައި އަންނަ މަހު ދިވެހިރާއްޖެ ކުޅޭ 2 މެޗަށް އެކުލަވާލި ޤައުމީ ސްކޮޑުން ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޝާން އިބްރާހިމް (ސައްޓު) އާއި އިސްމާއިލް އީސަ (މެސީ) އަށް ފުރުޞަތު ނުދީ ޓީމު އެކުލަވާލައިފިއެވެ.
ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ސްކޮޑުން މިފަހަރު ފުރުޞަތު ލިބުނު ކުޅުންތެރިންނަކީ އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އާއި ޓީސީގެ އަހުމަދު ރިލްވާން (ބެން)ގެ އިތުރުން ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އަހުނަފް ރަޝީދު އެވެ. އަދި މީގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސްއަށް ކުޅެމުން އަންނަ މުހައްމަދު އާރިފް (ބަކާ)އަށް ގިނަ ދުވަސްތަކަކަށްފަހު ޤައުމީ ޓީމުން ފުރުޞަތު ދީފައެވެ.
ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޤައުމީ ޓީމަށް ނެގި ކުޅުންތެރިންގެ ނަންތައް މިހާރު ވަނީ ކްލަބްތަކަށް ފޮނުވާ އެ ކުޅުންތެރިން ޤައުމީ ޓީމަށް ދޫކޮށްދިނުމަށް އެދިފައެވެ.
ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަޤާމާއި ހަވާލުވެ، ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، މާޓިން ކޫޕްމަން ބުނީ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެ ކުޅުންތެރިއެއްގެ އުމުރަށް ނުބަލާނެކަމަށާއި، މޮޅަށް ކުޅޭނަމަ ޤައުމީ ޓީމުން ފުރުޞަތު ލިބޭނެކަމަށެވެ. ކޯޗު މިހެން ބުނުމާއެކު ލީގުގައި މޮޅަށް ކުޅޭ ކުޅުންތެރިންނަށް ޓީމަށް އެރުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ޚާއްސަކޮށް ލީގުގެ ދެވަނަ ބުރުގައި މޮޅު ކުޅުމެއް ދެއްކި ޓީސީގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު)އަށް ފުރުޞަތު ލިބޭނެކަމަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ.
މި ފަހަރުގެ ލީގުގައި ސައްޓު އާއި އީސަ އަންނަނީ ޓީސީ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ގައުމީ ސްކޮޑަކުން މީގެ ކުރިން ފުރުސަތު ލިބިފައިނުވާ ސައްޓު ވަނީ މި ސީޒަނުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. ސައްޓު ވަނީ މި ސީޒަނުގައި މިހާތަނަށް 13 ގޯލު ޖަހައިފަ އެވެ.
އަދި މީގެ އިތުރުން ލީގުގައި ކުޅުނު 21 މެޗުގައި އީސަ ވަނީ 12 ގޯލު ޖަހައި 10 ގޯލު ޖަހަން އެހީތެރިވެދީފައެވެ. ކުރިން ގައުމީ ޓިމުން ފުރުސަތު ލިބެމުން އައި އީސަ ޓީމާ ވަކިވީ އަމިއްލަ ސަބަބަކާއި ހުރެ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމު ފަރިތަކުރަމުންދަނިކޮށެވެ.
ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށާއި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗަށެވެ.