ޚަބަރު

ކަގި ފަރަށްއެރި ދޯނީގެ ކެޕްޓަން ހޯދުމުގެ ތެރޭގައި ފެނުނު ތަކެތީގައި ހުރީ ލެޔެއްނޫން - ޕޮލިސް


މާލެއަތޮޅު ކަގި ފަރަށްއެރި ދޯނީގެ ކެޕްޓަން ގެއްލުމާއި ގުޅިގެން އެސަރަހައްދުގެ ކަނޑުއަޑިން ސިފައިން ނެގި ތުވާއްޔާއި ވަޅީގައި ހުރީ ދަވާދާއި ގްލޫ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު މާލެއަތޮޅު ކަގި ކައިރިއަށް ފަރަށް އަރާފައިވާ، "ޓީ.ޓީ.އެސް ފާން" ދޯނިން ގެއްލުނު އެދޯނީގެ ކެޕްޓަން، ކުޅުދުއްފުށި ސިޓީ ހަވީރީނާޒް، މުޙައްމަދު ޔޫސުފް (37އ) މިހާތަނަށްވެސް ފެނިފައި ނުވެއެވެ.

ކަގި ކައިރިން ފަރަށްއެރި ދޯނީގެ ކެޕްޓަން ގެއްލުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަޙްޤީގުގެ މައުލޫމާތު ޙިއްސާ ކުރައްވަމުން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ މިމައްސަލައާ ގުޅިގެން ތަޙްޤީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް، ބަޔާންތައް ނަގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މިމައްސަލައާގުޅޭ އިތުރު ހެކިތައް ހޯދުމުގެ މަސައްކަތްކުރިއަށްދާކަން ފާހަގަކުރައްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ގެއްލުނު މީހާ ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެސަރަހައްދުގެ ކަނޑުއަޑީގައި ޑައިވްކުރުމުގެ ތެރޭގައި ހޯދި ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫންކަމަށާއި، އެއީ އޭގައި ހޭކިފައިހުރި ދަވާދާއި ގްލޫކަމަށް ފުލުހުން މިކަމާއި ގުޅިގެން ހިންގި ތަޙްޤީގުތަކުން އެނގިފައިވާކަމަށެވެ.

ކ.ކަގި ފަރަށް އަރާފައިވާ، ޓީޓީއެސް ފާން ދޯނިން ގެއްލިފައިވާ އެދޯނީގެ ކެޕްޓަން މުހައްމަދު ޔޫސުފް ހޯދުމަށް އެސަރަހައްދަށް ފީނަމުން ދިޔަ ކޯސްޓްގާޑުގެ ޑައިވަރުންނަށް، އެސަރަހައްދުން ޑަސްބިން ކޮތަޅަކަށް ލާފައި އޮތް ވަޅި އަކާއި، ފޯނެއްގެ ބައިތަކާއި އަދި ބައެއް އެހެން ތަކެތި ފެނިފައިވަނީ ހާދިސާހިނގިތާ ހަތަރު ދުވަސް ފަހުންނެވެ.

މީގެ އިތުރުން ކަނޑުއަޑިން ފެނުނު ތަކެއްޗާއި އެދޯނިން ގެއްލުނު މީހާގެ މައްސަލައާ ގުޅުމެއްވޭތޯ ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި ފުލުހުން ބެލި ބެލުމުން އެ ދޯނީގައި ތިބީ 2 ދިވެހިންނާއި 2 ބިދޭސިންކަމަށް ފުލުހުން ވިދާޅުވިއެވެ. ދޯނީގައިތިބި މީހުންނާ ސުވާލުކޮށް ބަޔާންތައްވެސް މިހާރު ނަގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.