ޚަބަރު

މާސްކާއި އަންގީގެ އަގު ސަތޭކަގުނަ މައްޗަށްގޮސްފި: ޑަބްލިއުއެޗްއޯ


ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ މާސްކާއި އަންގިފަދަ ތަކެތީގެ އަގު ކޮރޯނާވައިރަސްގެ ސަބަބުން ސަތޭކަގުނަ މައްޗަށް ހިނގައްޖެކަމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ އެންމެ އިސްވެރިޔާ ތެދްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެއްޖެއެވެ.

ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގެބްރެޔެސުސް ވިދާޅުވީ މާސްކާއި އަންގިފަދަ ތަކެތީގެ އަގު މައްޗަށް ދިޔައީ ގިނަބަޔަކު ކުއްލިގޮތަކަށް އެތަކެތި ބޭނުންވުމުންކަމަށާއި ޢާންމުގޮތެއްގައި އެއީ ޞިއްޙީ ޚިދްމަތްތެރިން ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި ބޭނުންކުރާ ތަކެތިކަމަށެވެ. ކޮރޯނާވައިރަސްގެ ސަބަބުން އެތަކެތީގެ ބޭނުން އިތުރުވެފައިވާތީ އެތަކެތި ގިނައިން އުފައްދާ ބާޒާރަށް ނެރެދިނުމަށް ކާރުޚާނާތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ގެބްރެޔެސުސް ވިދާޅުވިއެވެ. މިފަދަ ޙާލަތެއްގައި މާސްކާއި އަންގިފަދަ ތަކެތީގެ އަގު އުފުލޭނެތީ ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށް އެތަކެތި ރައްކާކޮށްފައި ބެހެއްޓުންފަދަ ކަންކަމުން ދުރުވުމަށްވެސް ޑަބްލިއުއެޗްއޯގެ އެންމެ އިސްވެރިޔާ އެދިވަޑައިގެންނެވިއެވެ.

ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ކުއްލި ޙާލަތްތަކާބެހޭ އިސް ތަޖުރިބާކާރު މައިކް ރަޔަންވަނީ ކޮރޯނާވައިރަސްގެ ސަބަބުން ޖަޕާނުގެ އައްސޭރިފަށުގައި ކަރަންޓީނުކޮށްފައިވާ ފަސިންޖަރު ބޯޓުގެ ޙާލަތާ ގުޅިގެން ކަނޑުދަތުރުފަތުރަށް ހުރަސްއެޅޭފަދަ ގޮތްގޮތަށް އަމަލު ނުކުރުމަށް ގޮވާލައްވާފައެވެ. ޖަޕާނުގެ އައްސޭރިފަށުގައި އޮތް ބޯޓުގެ ބައެއް ފަސިންޖަރުންނަށް ކޮރޯނާވައިރަސް ޖެހިފައިވާތީ އޭގައި ހިމެނޭ އެނޫން ފަސިންޖަރުން ކޮޓަރިތަކުގައި ތިބުމަށްވަނީ މަޖްބޫރުކޮށްފައެވެ.