ޚަބަރު

ޓްރެފިކް ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ދައުވާކުރާގޮތަށް އިޞްލާޙު ހުށައަޅައިފި


ޓްރެފިކް ޤަވާއިދާއި ޚިލާފްވުމުން ކުރާ ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ އެ ފައިސާއެއް ވާނީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމަކަނޑައަޅައި ޝަރީޢަތަށް ހުށަހަޅައިގެން އެފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)އަށް ދޭގޮތަށް ކަނޑައަޅައި ޤާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.

އެއްގަމު ދަތުރުފަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ އިޞްލާޙުގައިވަނީ ޓްރެފިކް ވަޔަލޭޝަން ނުވަތަ ޓްރެފިކް ޤަވާޢިދާއި ޚިލާފުވާ ފަރާތްތައް ކުރެވޭ ޖޫރިމަނާއާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރަންޖެހެއެވެ.

މި ޝަކުވާ ހުށަހެޅޭނެ ނިޒާމާއި، އެ ނިޒާމުގެ ތެރެއިން ޝަކުވާތައް ބަލައި، ޖޫރިމަނާގެ ޢަދަދުތައް މުރާޖަޢާކުރެވޭނެ ޙާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުޞޫލުތައް، މި ޤާނޫނުގެދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއެއް، އެއްވެސް ފަރާތަކުން ނުދައްކާ އޮވެއްޖެނަމަ، އެ ފައިސާއެއް ވާނީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމަށާއި، ޝަރީޢަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށްވެސް ޔާސިރު ހުށައެޅުއްވި އިޞްލާހުގައިވެއެވެ.

ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ދައުވާ ކުރެވޭގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށައަޅާފައިމިވަނީ ޤަވާއިދާ ޚިލާފަށް ޕާކްކުރުމުގެ ސަބަބުން ޓްރެފިކް ވަޔަލޭޝަން ސްޓިކާރ ފުލުހުންޖަހާ މައްސަލާގައި ޢާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

މިހާރު ޤާނޫނުގައި ބުނެފައިވާގޮތުން ޓްރެފިކް ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ އެމީހެއްގެ މައްޗަށް ދައުވާއެއް ނުކުރެވެއެވެ. ނަމަވެސް އެ ފައިސާ ނުދައްކައިފިަނމަ އެ އުޅަނދަކާއި ގުޅޭ ޚިދުމަތްތައް ފޯރުކޮށް ނުދިނުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.

މީގެ އިތުރުން މިޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމަށް، ކަނޑައަޅާ ދުވެއްޔަށްވުރެ ބާރަށް އެއްވެސް ފަރާތަކުން އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާކަމެއްކަމަށާއި، އެފަދަ ކަމެއް ކުރި މީހެއްގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރުންކަމަށެވެ. އަދި ދެވަނަ ފަހަރަށްނަމަ ފަނަރަ ސަތޭކަ ރުފިޔާއިން ޖޫރިމަނާކުރުމާއި، އަދި ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް ދެހާސް ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެ ފަރާތެއް ދުއްވި އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެކަމަށްވެސް މިއިޞްލާޙުގައި ވެއެވެ.