ޚަބަރު

ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ ޕީޕީއެމް ޓިކެޓް ޠާރިޤަށް!


ޕީޕީއެމްއިން އިއްޔެ ބޭއްވި ޕްރައިމަރީގައި ފުވައްމުލަކު ސިޓީގެ މޭޔަރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ފަޒާދު ބަލިކޮށް ޠާރިޤް އަޙްމަދު ޓިކެޓް ކާމިޔާބުކޮށްފިއެވެ.

އިޤްބާލާ ވާދަކޮށް ފަޒާދުއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގަތީ ދުއިސައްތަ އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބުކޮށްގެންނެވެ. އެގޮތުން ފަޒާދަށް 634 ވޯޓް ލިބިވަޑައިގެންނެވިއިރު ޠާރިޤް ޕްރައިމަރީ ކާމިޔާބުކުރެއްވީ 892 ވޯޓް ހޯއްދަވައިގެންނެވެ.

އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ފުވައްމުލަކު ސިޓީގެ މޭޔަރުކަމަށް ޕީޕީއެމް ކުރިމަތިލާނީ ޠާރިޤްކަން ކަށަވަވރުވެފައިރު، އެމްޑީޕީގެ ޓިކެޓް ކަށަވަރުކޮށްފައިވަނީ މިހާރުގެ މޭޔަރު ޢަބްދުﷲ ފަލާޙް ބަލިކޮށް އިސްމާޢީލް ރަފީޤެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާއި ނުލާ ދީފައިވަނީ ވޮލީ ބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަޠީފަށެވެ. މާލޭސިޓީގެ މޭޔަރުކަމުގެ ޓިކެޓް ދީފައިވަނީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއަށެވެ. އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ޓިކެޓް ދީފައިވަނީ ޢަބްދުﷲ އިޤްބާލަށެވެ.

ޕީޕީއެމް ޕްރައިމަރީގައި މާލެ އަތޮޅު ކައުންސިލްގެ ޕީޕީއެމް ޓިކެޓް ކަށަވަރުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް މުޙައްމަދު ނިމާލެވެ. އޭނާ ޓިކެޓް ކާމިޔާބުކޮށްފައިވަނީ މާލެއަތޮޅުގެ މިހާރުގެ ރައީސް އިބްރާހީމް ރަޢޫފްއާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ.

ޕީޕީއެމް ޕްރައިމަރީގައި މާލޭގައި ވޯޓް ފޮށި ބެހެއްޓީ ދަރުބާރުގޭގައެވެ. އަދި އަތޮޅުތަކުގައި 137 ވޯޓް ފޮށި ބެހެއްޓިކަމަށް އެޕާޓިން ބުނެއެވެ. ޕީޕީއެމް ޕްރައިމަރީގައި އެއްހާހަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރިކަމަށްވެސް ޕީޕީއެމުން ބުނެއެވެ.