ޚަބަރު

ވުހާންގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން މިފަހަރު ހާމަކުރީ ކަނޑުއަޑިން


ކޮރޯނާވައިރަހުގެ ނުރައްކަލާއެކު ޗައިނާއާއި މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދިވެހިން ޗައިނާއާއި އެކުގައި ތިބިކަން ރާއްޖޭގެ ޑައިވަރުންގެ ޓީމަކުން ދައްކުވައިދީފިއެވެ.

މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަނާއި މާފުށީ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް ގުޅިގެން ރާއްޖޭގައި ކުރި ޑައިވެއްގައި ވަނީ މިހާރު ޗައިނާގެ ވުހާން ސިޓީއަށް ދިމާވެފައިވާ ސިއްޙީ ބޮޑު ނުރައްކަލުން އަރައިގަތުމަށް ހިތްވަރުދީފައެވެ. ކަނޑުގެ 15 މީޓަރު އަޑީގައި ކުރި މިޑައިވްގައި 10 ޑައިވަރުން ހަރަކާތްތެރިވެފައިވެއެވެ.

މީގެ ތެރޭގައި 4 ދިވެހިންނާއި އެކި ޤައުމުތަކަށް ނިސްބަތްވާ 6 ޑައިވަރުންވެސް ހިމެނެއެވެ. މިވީޑިއޯގައި 'ވުހާން ސްޓޭ ސްޓްރޯންގ' ނުވަތަ ވުހާން ހިތްވަރުކުރޭ ޖަހާފައިވާ ބޯޑެއްގައި ޝުއޫރު ފާޅުކޮށްފައިވާ މަންޒަރު ފެނެއެވެ. އެގޮތުން ދިވެހި ދިދަ ޖަހާފައިވާ މި ބޯޑުގައި، މުޅި ދިވެހި ޤައުމުގެ ހިމެނޭހެން އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މިނުރައްކަލުގެ ދަނޑިވަޅުގައި ޗައިނާގެ ރައްޔިތުންނަށް ހިތްވަރުދޭ މެސެޖުތައް ހިމަނާފައިވެއެވެ. އަދި މިވަގުތު ޗައިނާއާއިއެކު ދިވެހިން ތިބިކަން މިވީޑޯ މެދުވެރިކޮށް ޑައިވަރުންވަނީ ބުނެދީފައެވެ.

މިދިޔަ ބުދަ ދުވަހު ޢާއްމުކުރި މިވީޑިއޯ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒާންގ ލި ޒޮންވެސް ވަނީ ޓުވީޓުކުރައްވާ ތަފާތުގޮތަކަށް ޗައިނާއާއެކު ދިވެހިން ތިބިކަން ދައްކުވައިދީފިކަމަށް ވިދާޅުވެފައެވެ.

މި ވީޑިއޯ މިހާރު ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށްވެސް އައިސްފައެވެ. މީގެ ކުރިން ޓިކްޓޮކްގައިވެސް ދިވެހިންވަނީ ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ވަގުތުގައި ދިވެހިން ޗައިނާއާއިއެކު ތިބިކަން ދައްކުވައިދޭ ވީޑިއޯތައް އާންމުކޮށްފައެވެ.

ދިވެހިންގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއި އދ. ފަދަ ދުނިޔޭގެ ބޮޑެތި ޖަމްޢިއްޔާތަކުންވެސް އަންނަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ޙާލަތުން އަރައިގަތުމަށް ޗައިނާގެ ސަރުކާރާއި ސައިންސްވެރިންނާއި ޑޮކްޓަރުންނާއި އެހެނިހެން ކަމާބެހޭ ފަރާތްތަކާއި އެޤައުމުގެ ޢާއްމުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ހިތްވަރު ދެމުންނެވެ. ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ޢާއްމުވެފައިވަނީ ޗައިނާގެ ވޫހާންއިންނެވެ. އެހެންނަމަވެސް މިހާރު މުޅި ޗައިނާއަށް މިވައިރަސްވަނީ ފެތުރިފައެވެ. މިހާތަނަށް ކޮރޯނާ ވައިރަހަށް އެކަށީގެންވާ ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ.