ވިޔަފާރި

ކުރިއަށްއޮތް 4 ދުވަހު ދިރާގުގެ ބައެއް ޙިދުމަތްތަކަށް ބުރޫއަރާނެ


ދިރާގުގެ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކަކާ ގުޅިގެން ކުރިއަށްއޮތް 4 ދުވަހު އެ ކުންފުނީގެ ބައެއް ޙިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ މިމަހުގެ 7 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ބައެއް ހިދުމަތްތައް ދަންވަރުގެ ގަޑިތަކުގައި މެދުކަނޑާލާނެކަމަށެވެ. މި މުއްދަތުގެ ތެރޭގައި ދިރާގުގެ ބައެއް ޙިދުމަތްތަކަށް ބުރޫ އެރިނަމަވެސް ފޯނުން ގުޅުމާއި އިންޓަނެޓް ބޭނުން ކުރުން އަދި ފިކްސްޑް ލައިން ބޭނުން ކުރުމުގައި ދަތިކަމެއް ދިމާ ނުވާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ދިރާގުގެ އެޑް އޮން ޕެކޭޖްތައް ނެގުމާއި ބިލް ދެއްކުމާއި ރީލޯޑް އަދި ޕެކޭޖް ބަދަލުކުރުން ފަދަ ކަންކަން މިމަހުގެ 7 ދުވަހުގެ ދަންވަރު 12:00 އިން ފަތިހު 4:00 އަށް މެދުކަނޑާލާނެއެވެ. އަދި މިމަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ބިލް ދެއްކުމާއި ފިކްސްޑް ބްރޯޑް ބޭންޑުގެ ހިދުމަތްވެސް އެ ވަގުތުތަކުގައި މެދު ކަނޑާލާނެކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ވަނީ މި މުއްދަތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.