ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީން ނެރުނު 7 ދިވެހިންގެ ތެރެއިން އެއްވެސް މީހަކު އެވައިރަހަށް ޕްޒިޓިވްވެފައި ނުވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ވުހާންގައި ދިރިއުޅުމުން އައި 7 ދިވެިން އެ ޤައުމުން ނެރިގެން އިންޑިއާއަށް ގެންދިޔައީ މިމަހުގެ 2 ވަނަދުވަހުއެވެ. މި އެންމެންވެސް އިންޑިއާއަށް ގެންގޮސްފައިވަނީ ވީހާންގެ ތިބި އިންޑިއާ ރައްޔިތުން އެ ސިޓީ ނެރުމަށްް އިންޑިއާ ސަރުކާރުން ހަމަޖެއްސި ޚާއްސަ ޕްލައިޓެއްގައެވެ. މި ޕްލައިޓްގައި 7 ދިވެހިންނާއި އިންޑިއާގެ 323 މީހުން ދަތުރުކުރިއެވެ.
ވުހާން އިން އިންޑިއާއަށް ގެންދިޔަ 7 ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނަކާއި ފިރިހެންނެއްގެ އިތުރުން ކުޑަ ކުއްޖެކެވެ.
އިންޑިއާގެ ވިއޯން ނިއުސްއަށް ދެއްވި އިންޓަރވިއެއްގައި މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ވުހާން ސިޓީން ނެރުނު 7 ދިވެހިންވެސް ކޮރޯނާ ވައިރަހަށް ނެގެޓިވްވެފައިވާކަމަށެވެ. އަދި އެ ދިވެހިން އެސިޓީން ނެރެދިނުމަށް އިންޑިއާގެ ސަރުކާރުން ދެއްވި އެހީތެރިކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާގެ ވުހާންއިން ދިއްލީއަށް ގެނައި 7 ދިވެހިން ކަރަންޓީނު ކުރީ ދިއްލީގެ މަނޭސާރުގައި ގާއިމު ކޮށްފައިވާ ޚާއްސަ ކަރަންޓީން ފެސިޓީޒްގައިއެވެ.
ޗައިނާގައި ޖުމްލަ 50 ދިވެއްސަކު ދިރިއުޅެމުންދިޔަ ނަމަވެސް ސަރުކާރުގައި އެހީގައި ރާއްޖެ އަންނަން ބޭނުންވީ އޭގެތެރެއިން 7 މީހެކެވެ، މި 7 މީހުންނަކީ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގައި ދިރިއުޅެމުން ދިޔަ 9 ދިވެހިންގެ ތެރޭގައި ހިމެނޭ ބައެކެވެ. ސަރުކާރުންވަނީ ޗައިނާގެ ވުހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.