ވިޔަފާރި

އެލައިޑް އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގުޕޭ މެދުވެރިކޮށް މިހާރު ފައިސާދެއްކޭނެ


ދިރާގުގެ ޑިޖިޓަލް ވޮލެޓް، "ދިރާގު ޕޭ" މެދުވެރިކޮށް އެލައިޑް އިންޝުއަރެންސްގެ ޕޮލިސީތައް ގަނެ، އެއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ދިރާގު ޕޭ ބޭނުންކުރައްވާ ކަސްޓަމަރުންނަށް އެލައިޑްގެ އެޕްލިކޭޝަން، އެލައިޑް ވެބްސައިޓް އަދި www.travelers.mv އިން އެލައިޑްގެ ހުރިހާ އިންޝުއަރެންސް ޕޮލިސީތައް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން އެލައިޑްގެ ކަސްޓަމަރ ސަރވިސް ސެންޓަރުތަކުންވެސް ކަސްޓަމަރުންނަށް 'ކިއުއާރު ކޯޑް' ޖެއްސެވުމަށްފަހު ނުވަތަ އެލައިޑްގެ މަރޗެންޓް އައިޑީ ޖެއްސެވުމަށްފަހު ދިރާގު ޕޭގެ އެޕްލިކޭޝަން މެދެވެރުކޮށް ލައިފް އިންޝުއަރެންސް ފިޔަވާ އެހެން ހުރިހާ ޕޮލިސީތަކަށް ފައިސާދެއްކޭނެކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގުޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގުމަށް މަގުފަހި ވެގެންދާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.

އެކުންފުނިން ބުނީ ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 270 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި މި ފަދަ މާޗެންޓް ތަކުން ދިރާގުޕޭގެ ކަސްޓަމަރުންނަށް މި ޚިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރިތަކަށް 10 އިންސައްތައާއި 50 އިންސައްތަ އާއި ދެމެދުގެ ޑިސްކައުންޓު ލިބިގެންދާނެއެވެ.