ޚަބަރު

އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނަން - ރައީސުލްޖުމްހޫރިއްޔާ


ދިވެހި ރައްޔިތުންނާއި، މި ޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ބޭއްވެވި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް، އެން.އެސް.ސީގެ ކުއްލި ބައްދަލުކުރެއްވުމަކަށްފަހު ސަރުކާރުން ނެރުއްވި ނޫސްބަޔާނެއްގައެވެ.

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ދިން ހަމަލާއަށް އިޝާރާތްކުރައްވާ މިނޫސްބަޔާނުގައި ވަނީ
ދިވެހިރާއްޖޭގެ ސަރަޙައްދުގައި މިފަދަ ފިނޑި ޢަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ ޢަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

ހުޅުމާލޭގައި ހިންގި ޢަމަލުގެ ފުރިހަމަ ތަހުޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިންދަނީ ކުރަމުން. އަދި މި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރުވަނީ ގެންގޮސްފައި. އަދި، އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ޙާލު ރަނގަޅުކަމަށް ބަޔާންކުރައްވަމުން މި ފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން ޢަމަލުތަކަކީ ޤައުމީ ސަލާމަތަށްހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަންވެސް ސަރުކާރުން ނެރުއްވި ނޫސްބަޔާނުގައިވެއެވެ.

ހުޅުމާލޭގައި ދިން ހަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށްގެންދަވާ ތަހުޤީޤުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި މިކަމާއި ގުޅިގެން ޢާންމުންނާއި ޙިއްޞާ ކުރައްވަން ޖެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ޢާންމުންނާއި ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް މިބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ ޢަމަލުތަކާއިމެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަމަކާއިބެހޭ މަޢުލޫމާތު ކަމާއިބެހޭ އިދާރާތަކާއި ޙިއްޞާކުރެއްވުމަށް ޢާންމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، މިފަދަ ނުރައްކާތެރި ޢަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް ޢަމަލަކަށް ދިވެހިރާއްޖެއިން ފުރުޞަތު ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ އަރުއްވާފައެވެ. މީގެ އިތުރުން، މިފަދަ ހާދިސާތަކާއި ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މަޢުލޫމާތަށް މެނުވީ ބަރޯސާނުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.