ޚަބަރު

ކޮމިއުނިޓީ ހެލްތާއި ލެބޯޓްރީ މުއައްޒަފުންގެ މުސާރައިގެ އޮނިގަނޑު ފާސްކުރުން އަވަސްކުރެއްވުމަށް ހެލްތު މިނިސްޓަރ ގޮވާލައްވައިފި


ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި މެޑިކަލް ލެބޯޓްރީ ދާއިރާގެ މުޢައްޒަފުންގެ މުސާރައިގެ އޮނިގަނޑު ވީ އެންމެ އަވަހަކަށް ފާސްކޮށްދެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ޕޭ ކޮމިޝަނުގައި އެދިވަޑައިގެންފިއެވެ.

ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ވަޒީފާގެ އޮނިގަނޑާއި، މެޑިކަލް ލެބޯޓްރީ ދާއިރާގެ މުއައްޒަފުންގެ ވަޒީފާގެ އޮނިގަނޑު ސިވިލް ސަރިވިސް ކޮމިޝަނުން ފާސްކުރުމަށްފަހު ހެލްތު މިނިސްޓްރީއަށް ފޮނުއްވީ ނިމުނު ޖެނުއަރީމަހުގެ 23 ވަނަ ދުވަހުއެވެ. މި އޮނިގަނޑު އެކުލަވާލާފައިވަނީ ހެލްތު މިނިސްޓްރީއާއި ސިވިލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިންނެވެ.

އޮނިގަނޑުގައިވާ މުސާރައިގެ އޮނިގަނޑު ފާސްކުރެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުން މިހާރުވަނީ ޕޭ ކޮމިޝަނަށް ފޮނުއްވާފައެވެ.

ބައިނަލްއަޤްވާމީގޮތުން މިއަހަރު ފާހަގަކުރުމަށް ހަަމަޖެހިފައިވަނީ އާއްމު ސިއްޙަތުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އަހަރުގެ ގޮތުގައެއެވެ.
އެހެންކަމުން މިއަހަރު ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި، މެޑިކަލް ލެބޯޓްރީ އޮފިސަރުންގެ ދަޢުރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ހެލްތު މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. މި ފަރާތްތަކަކީ ރާއްޖޭގެ އާބާދީގެ ދުޅަހެޔޮކަމަށް ސަރުކާރުން ކުރައްވަން ރާވާފައިވާ މަސައްކަތުގައި އިސް ސަފުގައި މަސައްކަތްކުރައްވާނެ ބައެއްކަން މިނިސްޓްރީއިން ފާހަގަކުރައްވައެވެ.