ޚަބަރު

ރާއްޖޭގެ ޕީކްލޯޑް ކަރަންޓުގެ %7.7 އަކީ އިއާދަކުރަނިވި ހަކަތަ - އެންވަޔަރަންމަންޓް މިނިސްޓަރ


މިހާރު ރާއްޖޭގައި އުފައްދާ ކަރަންޓް ޕީކް ލޯޑުގެ 7.7 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ޢަމާޒަކީ ޑީސަލަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންގެ ދަށުން އެންމެ ފުރަތަމަ ރާއްޖެއިން ތައްޔާރުކުރި "ބައިއެނިއަލް އަޕްޑޭޓް ރިޕޯޓް" ނެރެދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ހުސައިން ރަޝީދް ހަސަންއެވެ. މި ރިޕޯޓަކީ މި މުއާހަދާގެ ދަށުން ކޮންމެ ދެއަހަރުން އެއް އަހަރު ހުށައަޅަންޖެހޭ ރިޕޯޓެކެވެ.

މި ރިޕޯޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މާއްދާތަކުގެ މިންވަރާ އެކަން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށެވެ. އަދި ތިމާވެއްޓާއި ގުޅުންހުރި އެހެނިހެން މައްސަލަތަކާއި، އެކަންކަމުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާއި، އެކަމަށް ފައިސާ ހޯދާގޮތްތައް މި ރިޕޯޓުގައި ހިމަނާފައިވެއެވެ.

މިރިޕޯޓް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ ދިވެހިން ހަކަތަ އުފެއްދުމަށް ޑީސަލަށް ބަރޯސާވާ ބަރޯސާވުން ދޫކޮށްލަން ޖެހޭކަމަށެވެ. ހަކަތައިގެ ގޮތުގައި ލިބެނީ އަންދާ ޑީސަލްގެ %40ކަން މިިިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ އިއާދަކުރަނިވި ހަކަތައާއި ދިމާލަށް ރާއްޖެ ޖަހާފައިވާ މިސްރާބު ވަރަށް ކާމިޔާބުކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި 21.5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ބޭނުންކުރަމުންއަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"2010 ން 2018 އަށް ރާއްޖޭގައި ހުރީ 11 މެގަވޮޓް އިއާދަކުރަނިވި ހަކަތަ. މިދިޔަ އަހަރު ސަރުކާރުންޖެހި 6.5 މެގަވޮޓާއި، އަމިއްލަ ފަރާތްތަކުން ޖެހި 4.5 މެގަވޮޓާއެކު މިހާރު ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 21.5 މެގަވޮޓަކީ އިއާދަކުރަނިވި ހަކަތަ. މުޅި ރާއްޖެއަށް ބަލާނަމަ ޕީކްލޯޑް (280 މެގަވޮޓް)ގެ 7.7 އުފައްދަނީ އިއާދަކުރަނިވި ހަކަތައިން." މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުންވަނީ އިތުރު 21 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް އިޢުލާންކޮށްފައެވެ.

"2023ވަަނަ އަހަރު ޖުމްލަ އިއާދަކުރަނިވި ހަކަތަ 2018 ވަނަ އަހަރަށްވުރެ %20 އިތުުރުކުރުން އަމާޒަކީ. އޭރުން %24 އަށް އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް އޮތް އޮތުން އެއަށްވުރެ ރަނގަޅަށް ހާސިލްވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް މާލޭގެ ކަރަންޓުގެ ކެޕޭސިޓީ 65 މެގަވޮޓަށް އަރާކަމަށެވެ. އަދި ކޮންމެ އަހަރަކު މި އަދަދު %11 އަށް އިތުރުވަމުން އަންނަކަމަށެވެ.

"ބައިއެނިއަލް އަޕްޑޭޓް ރިޕޯޓް"ގައި ބުނާގޮތުން ރާއްޖެއިން ޑީސަލާއި އެހެން ބާވަތްތައް އެންދުމުގެ ސަބަބުން ރާއްޖެއިން ޖައްވަށް ބޭރުކުރި ގެންދަބުޅީގެ ނިސްބަތް 2015 ވަނަ އަހަރުގެ ނިޔަލަށް 1.5 މިނިލައަށް ޓަނަށް އަރައެވެ. މިއީ 2011 ވަނަ އަހަރަށްވުރެ 25 އިންސައްތަ އިތުރު އަދެކެވެ.