ވިޔަފާރި

ގެއްލުމުގެ ބަދަލުގެ ގޮތުގައި 275 މިލިއަން ރުފިޔާ މިދިޔަ އަހަރު ދޫކުރި


ރާއްޖޭގައި އިންޝުއަރެންސްގެ ޙިދުމަތްދޭ ކުންފުނިތަކުން ގެއްލުމުގެ ބަދަލުގެ ގޮތުގައި މިދިޔަ އަހަރު 275 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ 2020 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ 5 އަހަރުގެ ތެރެއިންވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

މިދިޔަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި 275 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2018 ވަނަ އަހަރު ދޫކޮށްފައިވަނީ 238.2 މިލިއަން ރުފިޔާވެ. 2017 ވަނަ އަހަރު 239.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2016 ވަނަ އަހަރު 273.7 މިލިއަން އަދި 2015 ވަނަ އަހަރު 249.5 މިލިއަން ދޫކޮށްފައިވާކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ސިއްހީ އެކިއެކި ކަންކަމުގައެވެ. އެގޮތުން ސިއްހީ ކަންކަމަށް މިދިޔަ އަހަރުގެ ތެރޭގައި 99.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއް ދޫކޮށްފައިވަނީ އަލިފާނުގެ އެކި ހާދިސާތަކަށެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކަށް 76.2 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު 3 ވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ކަނޑުއުޅަނދު ފަހަރުގެ އިންޝުއަރެންސްއަށެވެ. ކަނޑު އުޅަނދުތަކުގެ އިންޝުއަރެންސްގެ ގޮތުގައި 58 މިލިއަން ވަނީ ދޫކޮށްފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޕްރިމިއަމްގެ ގޮތުގައި އެންމެ ގިނަ އަދަދެއް ދައްކާފައިވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އަލިފާނުގެ ހާދިސާގެ ޕްރިމިއަމްގެ ގޮތުގައި އިންސުއަރެންސް ކުންފުނިތަކަށް ކަސްޓަމަރުން 307.2 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.