ވިޔަފާރި

ދިރާގުގެ ހިއްސާއަކަށް 12 ރުފިޔާ ބަހަން ހުށައަޅަނީ


ދިރާގުން ހިއްސާއަކަށް 12 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ ކުރިއަށްއޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 12 ރުފިޔާގެ މަގުން ޖުމްލަ 912 މިލިއަން ރުފިޔާ ބެހުމަށް ހުށައަޅާނެކަމަށެވެ. ހިއްސާއަކަށް 12 ރުފިޔާގެ މަގުން ބެހުމަށް ހަމަޖެއްސީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 4.14 (ހަތަރު ރުފިޔާ ސާދަ ލާރި) އަދި ފައިނަލް ޑިވިޑެންޑް ގެ ގޮތުގައި 7.86 (ހަތްރުފިޔާ އަށްޑިހަ ހަ ލާރި)ގެ މަގުންނެވެ.

ދިރާގުން ބުނީ 2019 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފައިދާ ބަހާނީ މި މަހުގެ 13 ގެ ކުރިން ރަޖިސްޓްރީވެފައިވާ ހިއްސާދާރުންގެ މެދުގައިކަމަށެވެ.

މިދިޔަ އަހަރު ދިރާގުގެ ސާފު ފައިދާގެ ގޮތުގައި ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާފައިވަނީ ހިއްސާއަކަށް 11.91 ރުފިޔާއެވެ.