ޚަބަރު

އިންތިޚާބަށް ރީ-ރަޖިސްޓްރީކުރުމަށް މިމަހު 13ގައި ހުޅުވާލަނީ!


އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިގެންވާ މީހުން ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓްލުމަށްޓަކައި ރީ-ރަޖިސްޓްރޭޝަނަށް މިމަހުގެ 13 ވަނަ ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ދެލައްކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ފަސްދޮޅަސް ދެމީހުންނަށް ވޯޓްލުމުގެ ހައްޤުލިބިގެންވާކަމަށެވެ. އެގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައަޅަން ހުޅުވާލި މުއްދަތު ހަމަވިއިރު 373 ޝަކުވާ ހުށައަޅަފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިފަހަރުގެ ވޯޓާސް ލިސްޓަކީ އިންތިޚާބުގެ ކުރިން އެކުލަވާލެވި މައްސަލަ ދިމާނުވާގޮތަށް އާންމުކުރެވޭ ލިސްޓަކަށް ހެދުމަށްކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 545 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ މާލޭގައި 173 ވޯޓުފޮށި، ރަށްރަށުގައި 322 ވޯޓުފޮށި، ރިސޯޓްތަކާއި ސިނާޢީ ރަށްރަށުގައި 41 ވޯޓުފޮށި، އަދި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި 8 ވޯޓުފޮށްޓެވެ. ނަމަވެސް ވޯޓުފޮށީގެ ފައިނަލް ޢަދަދު ކަނޑައަޅާނީ މިމަހުގެ 13ގައި ރީ-ރަޖިސްޓްރޭޝަންކުރުމަށް ހުޅުވާލާ މަރުޙަލާ ނިމުމުންކަމަށް ކޮމިޝަނުގެ ނާއިބު ރައީސް ވިދާޅުވިއެވެ.


އިލެކްޝަންސް ކޮމިޝަނުން ވަނީ ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާ މުއްދަތުގައި ފަހަށް މަޑުނުކޮށް ވިހާސް އަވަހަށް ރީ-ރަޖިސްޓްރޭޝަންގެ ކަަންތައް ކުރިއަށްގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.