ޚަބަރު

ރައީސް ޔާމީން ދޫކޮށްލެވެން ނެތް - ހައިކޯޓު


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އިއްވާފައިވާ 5 އަހަރުދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކޮށްދެވެން ނެތްކަމަށާ، އަދި އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކުރެވެން ވެސް ނެތްކަމަށް ހައިކޯޓުން ނިންމަވައިފިއެވެ.

މަނީލޯންޑަރިންގެ ކުށުގައި 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުންކުރި ޙުކުމް ތަންފީޒްކުރުން ފަސް ކުރެވެން ނެތްކަމަށް އަމުރުކުރީ އެޙުކުމް ބާޠިލްކޮށްދިނުމަށް އެދި ހުށައަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެމަނިކުފާނު ދޫކޮށްލުމަށް އެދިފައިވާ މައްސަލާގައި ފަނޑިޔާރުން ނިންމެވި ނިންމެވުމުގައެވެ.

ރައީސް ޔާމީން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު ޙުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ޢަލީ ނިޔާޒެވެ. ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެވެން ނެތްކަމަށް ނިންމެވީ އެ 3 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. އެހެން ނަމަވެސް އެފަނޑިޔާރުން އެގޮތައް ނިންމެވި ސަބަބުތައް ތަފާތެވެ. އެއްގޮތްވީ ހަމައެކަނި ކަފާލާތުގެ އުސޫލުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީން ހުށަހެޅުއްވީ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައި ނިމެންދެން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައެޅުއްވީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ރައީސް ޔާމީންގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުން ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރާއި ފަނޑިޔާރު ޢަލީ ނިޔާޒެވެ. ފަނޑިޔާރު ޙުސައިން ނިންމެވީ އެމައްސަލަ ނިމެންދެން ރައީސް ޔާމީންގެ ޙުކުމް ތަންފީޒް ކުރުން ފަސްކުރަން ޖެހޭކަމަށެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން ހުށަހެޅި ސަބަބުތަކާ ގުޅޭގޮތުން އެމައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު މަޒީދުވަނީ ކަފާލާތުގެދަށުން ހުކުމް ތަންފީޒުކުރާ މީހަކު ދޫކޮށްލުމާ ބެހޭ ޤަވާދަޢީދަކީ ޤާނޫނު އަސާސީން ބާރު ލިބިދީގެން ހަދާފައިވާ ޤަވާޢިދެއް ނޫންކަމަށާ އެޤަވަޢިދާ ޙުކުމެއް ތަންފީޒު ކުރަމުންދާމީހަކު ކަފާލާތުގެ ދަށުން ދޫކޮށްނުލެވޭނެކަމަށެވެ. ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ދޫކޮށްލުމާގުޅޭ ޤާނޫނެއް ނެތްކަމަށާއި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލައި ބައެއް ޤައުމުތަކުގައިވެސް އެކަން ކުރަނީ އެކަމަށް ހަދާފައި އޮންނަ ޤާނޫނެއްގެދަށުން ޝަރުތުތަކަކާއެކު ކަމަށްވެސް މަޒީދު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މީގެކުރިން ހުކުމް ތަންފީޒުކުރުމުންދިޔަ ބަޔަކު ކަފާލާތުގެ ދަށުން ދޫކޮށްލަން ކޮށްފައިވާ ހުކުމްތަކުން ދުރުހެލިވާން ޖެހޭކަމަށްވެސް ފަނޑިޔާރު މަޒީދުގެ ނިންމަވަމުން ވިދާޅުވިއެވެ.

ކޯޓުން ނެރޭ އަމުރަކުން ހުކުމް ތަންފީޒުކުރުން ފަސްކުރަން އެންގުމަކީ ހައިކޯޓަށް ލިބިގެންވާ އިހްތިޔާރެއް ކަމާ އެ އަމުރު ނެރެންވާނީ ކޮށްފައިވާ ޙުކުމަށްބަލައި އެކަމަށް ރިޢާޔަތްކުރުމަށްފަހުކަމަށް ވާއިރު ޖިނާއީ ބޮޑުކުށެއްކަމަށް ކަނޑައަޅާފައިވާ މަނީލޯންޑްރިން ކުށުގައި އެ އަމުރު ނެރެދެވެން ނެތްކަމަށްވެސް ނިންމާފައިވެއެވެ.

ރައީސް ޔާމީންގެ ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ދޭންޖެހޭ ލުއިތަކާއި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުންފަދަ ކަންކަން ކުރުމުގެ ގާނޫނީ ޒިންމާ އޮންނަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އެހެން އިދާރާތަކަށް ކަމަށްވެސް ފަނޑިޔާރު މަޒީދުގެ ނިންމުމުގައިވެއެވެ. މިމައްސަލަ ދިގުލައިގެން ގޮސްދާނެ ކަމަށް ނުބެލެވޭތީ ހުކުމް ތަންފީޒް ކުރަން ޖެހޭ ސަބަބެއް ނެތްކަމަށް އެ ފަނޑިޔާރު ނިންމެވިއެވެ.

ނަމަވެސް ފަނޑިޔާރު ނިޔާޒްގެ ނިންމުމުގައި ވިދާޅުވީ ހުކުމް ތަންފީޒްކުރަމުންދާ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅޭގޮތުން ހައިކޯޓުން ހަދާފައިވާ ޤަވާޢިދަކީ ޤާނޫނީ ބާރުލިބިގެން ހަދާފައިވާ ސައްޙަ ޤަވާޢިދެއްކަމަށެވެ. ނަމަވެސް މީގެކުރިން އެގޮތަށް ދޫކޮށްލާފައިވާ މީހުން ދޫކޮށްލާފައިވަނީ ކިހިނެތްކަމެއް މި މައްސަލައިގައި ރައީސް ޔާމީނަށް ސާފުކޮށް ދެވިފައިނުވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަދި ކަފާލާތުގެ ދަށުން ބައެއް އެހެން ޤައުމުތަކުގައި ބައެއް މީހުން ދޫކޮށްލަން ކޮށްފައިވާ އަމުރުތަކަށްބަލާއިރު އެއީ ރައީސް ޔާމިންގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކާ އަޅާބަލާއިރު ކުދި ކުށްތަކެއް ކަމަށްވެސް ނިޔާޒް ފާހަގަ ކުރެއްވިއެވެ. އެމައްސަލައިގެދަށުން ކޯޓުން ހަދާފައިވާ ބޮޑެތި ގޯސްތަކެއް ވިދާޅުވެވިފައިނުވާއިރު ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ކުށާ އަޅާބަލައި ދޫކޮށްލަންޖެހޭ އެކަށީގެންވާ ވަރުގަދަ ސަބަބުތަކެއް ދައްކަން ޖެހޭނެކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވެފައިވަނީ ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް ދޭންޖެހޭ ލުއިތައް ދިނުމަށް ފުރަތަމަ ހުށަހަޅަންޖެހޭނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައިވާ ގޮތުގެމަތިން އެކަމަށް މަތިކޮށްފައިވާ އިދާރާތަކަށް ކަމަށާ ކޯޓަށް އެމައްސަލަ ހުށަހަޅަންޖެހޭނީ އޭގެފަހުންކަމަށްވެސް ނިންމާފައިވެއެވެ. މީގެ އިތުރުން ހުކުމް ތަންފީޒް ކުރަމުން ޖޫރިމަނާގެ ފައިސާ ނުހޯދެއްވޭނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިރު މިމައްސަލާގައި ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ މަދުވެގެން 5 މިލިއަން ޑޮލަރު ކޯޓުގައި ބަހައްޓައިގެން ކަމަށްވެސް ނިޔާޒް ނިންމެވިއެވެ.

ފަނޑިޔާރު ޝަހީދު ނިންމެވީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްނުލެވޭނެ ސަބަބަކީ ޖިނާއީ ބޮޑުކުށަކަށްވުމެވެ. ނަމަވެސް ކޯޓުން މީގެ ކުރިންވެސް ހުކުމް ތަންފީޒް ކުރުން ފަސް ކުރުމަށް އަމުރުތައް ނެރެފައިވާތީ މިމައްސަލައިގައިވެސް އެ ފަދައިން އަމުރު ނެރުމުގައި ހުރަހެއް ނެތްކަމަށް އަނެއް ދެފަނޑިޔާރުންނާ ތަފާތުކޮށް ރައުޔު ނެރުއްވަމުން ޝަހީދު ވިދާޅުވިއެވެ.

ހައިކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި ރައީސް ޔާމިން ވަނީ އެމަނިކުފާނު ކާފާލާތުގެ ދަށުން ދޫކޮށްލުމަށް ނުވަތަ ހުކުމްތަންފީޒް ކުރުން ފަސް ކުރުމުގެ އަމުރެއްގެ ދަށުން އެމަނިކުފާނު ދޫކޮށްލަދިނުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ޔާމިން ވަނީ އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުމުން ހިތުގެ ބައްޔެއް އުފެދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ޖެހިވަޑައިގެންފައިވާ ހިތްޕުޅުގެ އާލާސްކަންފުޅަށް ހަދަންޖެހޭ ޓެސްޓްތައް ވެސް ރާއްޖެއިން ހެދެން ނެތްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލުޙުކުމް ބާޠިލް ކުރުމާ ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލައިގައި އަދި އެމައްސަލައާ ގުޅޭގޮތުން ހައިކޯޓުގެ މަޖިލީހުގައި އަޑުއެހުންތައް ބާއްވާފައިއެއްނުވެއެވެ.