ސިޔާސީ

އޮމާނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން އޮމާނަށް ކުރެއްވި ރަސްމީ ދަރުތުފުޅުގައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާބެހޭ މައުލޫމާތު އެޤައުމުގެ އިސްވެރިންނާ ހިއްސާކޮށްފައިވާކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އޮމާންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެވަޑައިގެން އެއާރޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގައި ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު އޮމާންގެ އިންވެސްޓަރުންނަށް ހިއްސާކޮށްފައިވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ."ދެޤައުމު ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި މަސައްކަތް ކުރަން ބޭނުންވާ ވާހަކަ އަޅުގަނޑު ދަންނަވާ، ދެފަރާތުންވެސް އެގޮތަށް އެއްބަސްވެގެން ވާހަކަތަށް ކުރިއަށްގެންދެވުނު. ޚާއްސަކޮށް އިޤްތިޞާދީގޮތުން، އޮމާންގެ އިސްވެސްޓަރުން ރާއްޖެއައިސް އިންވެސްޓްކުރުމާ، ވިޔަފާރީގެ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު. އޮމާންގެ ބައެއް ބޭފުޅުން ވަރަށް އަވަހަށް ވަޑައިގަންނަވާނެ ފޮލޮއަޕް ގޮތުން، ކޮންކަހަލަ ކަމެއްގައިތޯ އެބޭފުޅުން އިންވެސްޓް ކުރަން ބޭނުންވަނީ. އަޅުގަނޑުމެން ބައެއް ޕްރޮޕޯޒަލްތަށްވެސް އެބޭފުޅުންނަށް ހުށައަޅާފައިވާނެ" ރައީސް މައުމޫން ވިދާޅުވިއެވެ.ރައީސް މައުމޫންގެ މިދަތުރުފުޅުގައި އޮމާންގެ ރަސްގެފާނަށް ރައީސް އަބްދުއްﷲ ޔާމީންގެ ޚާއްސަ ސިޓީފުޅެއްވެސް ވަނީ އަރުވާފައެވެ.ވަކި ބޭފުޅަކު ނައިބުރައީސްކަމަށް އައްޔަން ނުކުރުމަށް ރައީސް މައުމޫން ރައީސް ޔާމީނަށް ލަފާދެއްވާފައިވާކަމަށް ބައެއް މީޑިއާ ތަކުގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެފަދަ ލަފައެއް ރައީސް ޔާމީނަށް ދެއްވާފައި ނުވާނެކަމަށާއި، ނައިބު ރައީސްގެ މަޤާމު ހުސްވެއްޖެނަމަ އެމަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށެވެ."ނައިބުރައީސްގެ މަޤާމު ހުސްވެއްޖިއްޔާ ދެން އެމަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުން މިއޮންނަނީ ޤާނޫނުއަސާސީގައި ބުނެފަ އެއީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެކޭ. ރައީސުލްޖުމްހޫރިއްޔާ އެކަން ކުރައްވާފަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭނެ، އަދި ރައްޔިތުންގެ މަޖިލީހުން އެނަން ފާސްކުރަންޖެހޭ. އެހެންވީމަ އެއީކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވަކިވަކިން މިވެނި މީހަކު ލައްވާދެއްވާށޭ، މިވެނި މީހަކު ނުލައްވާށޭ އެހެން ދަންނަވަން ޖާގަ އޮތް ކަމެއް ނޫން." ރައީސް މައުމޫން ވިދާޅުވިއެވެ.ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ރާއްޖެއާ އޮމާންއާ ދެޤައުމުގެ ގުޅުން އިތުރަށް  ބަދަހި ކުރުމަށް ރައީސް މައުމޫން އޮމާނަށް ފުރާވަޑައިގަތީ ހޯމަދުވަހުއެވެ.