މެދުރާއްޖެ ތެރޭގެ ރަށެއްގެ ޢުމުރުން ހަ އަހަރުގެ ކުޑަކުއްޖަކު ނުރައްކަލުގެ ތެރެއަށް ހުށައެޅިފައިވާތީ އެކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން 24 ގަޑިއިރުގެ ތެރޭގައި ދައުލަތާއި ހަވާލުކުރުމަށް ފެމިލީ ކޯޓުން ވަގުތީ ޢަމުރެއް ނެރެފިއެވެ.
ފެމިލީ ކޯޓުން މިރޭ ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވަނީ އެ ޢަމުރު ތަންފީޒްކުރުމަށް ހުރަސްއަޅާނަމަ އެކަން ހުއްޓުވައި އެކުއްޖާ ދައުލަތާއި ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ މައްޗަށް ޢަމަުރުކޮށްފައެވެ.
މިކުއްޖާއަކީ ނުރައްކަލަކަށް ހުށައެޅިފައިވާ ކުއްޖެއްކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވުމަށް ދައުލަތުގެ ފަރާތުން ފެމިލީކޯޓްގައި އެދުމުން ކޯޓުން މި ޢަމުރު ނެރެދީފައި މިވަނީ އެ ކުއްޖަކާ ހަވާލުވެތިބި ފަރާތްތަކުން އެކުއްޖާއަށް އިހުމާލުވަމުންދާ މައްސަލައަކާއި ގުޅިގެން އެކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާއި ބެހޭ މައްސަލައެއް ދައުލަތުގެ ފަރާތުން ފެމިލީކޯޓަށް ހުށައެޅުމުންނެވެ.
ނަމަވެސް މިކުއްޖާ ނުރައްކަލުގެ ތެރެއަށް ހުށައެޅުނީ ކިހިނެ އްކަމެއް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން އެކުއްޖާ މަންމައާއި އެކު މާލެއައިސްހުއްޓާ އެކުއްޖާގެ ބައްޕަ ވަނީ އެކުއްޖާ ގޮވައިގެން ބައްޕަގެ ރަށަށް ގޮސްފައެވެ. ދެމަފިރިން ވަކިވެފައިވާތީ ހަޟާނާތުގެ ދަށުން ކޯޓުން އެކުއްޖާ އޭރު ހުރީ ކުއްޖާގެ މައިފުށުގެ މާމަ އާއި ހަވާލުކޮށްފައެވެ.
ނަމަވެސް މިމަހުގެ ދެވަނަ ދުވަހު އެކުއްޖާ މާމަ ކުއްޖާ ހޯދުމަށް ކުއްޖާގެ މާމަ ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުމުން އެކޯޓުން ނެރުނު ޢަމުރަކާއި ގުޅިގެން އެކުއްޖާގެ މާމަ އާއި އެކުއްޖާ ހަވާލުކުރުމަށް އެހީތެރިވެދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެކުއްޖާގެ މާމަ އާއި އެކުއްޖާ ހަވާލުކުރަން އުޅުމުން ކުއްޖާގެ ބައްޕަގެ ރަށުގެ ބަޔަކު އެކަމަށް ހުރަސް އަޅާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.