ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެގައި ދިރިއުޅޭ ބިދޭސީންނާއި އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިހެން ވިދާޅުވީ، އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓުތަކެއް ގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުގެ ޒިންމާ އުފުލާކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.
އެވީޑިއޯގެ ސައްޚަ އެއްޗެއްތޯ ބަލަމުންދާކަމުގައި ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.
ހަމަލާގެ ޒިންމާ އުފުލާނެކަމަށް ބުނެފައިވާ އެވީޑިއޯގައި ވަނީ ރާއްޖޭގައި އިތުރު ނިރުބަވެރި އަމަލުތައް ހިންގާނެ ކަމަށްވެސް ބުނެފައެވެ.
މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން ޢަބުދުﷲ ވިދާޅުވީ، ރާއްޖޭގެ ދާޚީލީ ސަލާމަތާއި ރައްކާތެރިކަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުޞަތު ﷲގެ ވާގިފުޅާއި އެކު އެއްވެސް ފަރާތަަކަށް ނުދެއްވާނެ ކަމަށެވެ.
ރޭ ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީން ބިދޭސީ ތިން ޒަޚަމްކޮށްލި އިރު އެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި، ޗައިނާގެ ފަތުރުވެރިއަކަށާއި، ރާއްޖޭގައި މަސައްކަތް ކުރާ ދެ ބިދޭސީއަކަށް ހުޅުމާލޭގައި ރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް އެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އަދި އެނގިފައެއް ނުވެއެވެ.