ޚަބަރު

ސަރުކާރާއިމެދު ރައްޔިތުން ހިތްހަމަޖެހޭކަމަށް ސާރވޭއަކުން ދައްކައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރާމެދު ރައްޔިތުން ތިބީ ހިތްހަމަ ޖެހިގެންކަމަށް ސާރވޭއަކުން ދައްކައިފިއެވެ.

އެމެރިކާގެ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓު (އައިއާރުއައި) އިން ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ސާރވޭގައި ދައްކާގޮތުގައި ސާރވޭގައި ބައިވެރިވި 1000 މީހުންގެތެރެއިން 61 އިންސައްތަ ރައްޔިތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާޢީދުކުރާކަމަށް ވަނީ ބުނެފައެވެ. އަދި 56 އިންސައްތަ މީހުން ވަނީ މި ސަރުކާރަށް ތާޢީދުކުރާކަމަށްވެސް ބުނެފައެވެ.

މި ސާރވޭގައި ބައިވެރިވި ގިނަ މީހުން ބުނެފައި ވަނީ ކޮރަޕްޝަން ހުއްޓުވުމަށާއި، އަދުލު އިންސާފް ޤާއިމްކޮށްދިނުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ރައީސް މަސައްކަތްކޮށްދެއްވާ ކަމަށް ވަނީ ސާރވޭއިން ދައްކާފައެވެ.

އަދި ރާއްޖޭގެ އިޤްތިޞާދީ މިސްރާބު ހުރިގޮތާއި މެދު ރައްޔިތުން ހިތްހަމަޖެހޭކަމަށް ވެސް މި ސާރވޭގައި ބައިވެރިވި މީހުން ވަނީ ބުނެފައެވެ. އެގޮތުން އިޤްތިޞާދު ވަރަށް ރަނގަޅުކަމަށް 75 އިންސައްތަ މީހުން ބުނެފައި ވާއިރު ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިޤްތިޞާދު އިތުރަށް ރަނގަޅުވާނެކަމަށްވެސް ސާރވޭގެ ބައިވެރިން ބުނެފައިެވއެވެ.

މި ސާރވޭގެ ނަތީޖާއިން ދައްކާގޮތުގައި ސަރުކާރުން ރާއްޖޭގައި ޤާއިމްކުރަމުންދާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ތާޢީދުކުރާކަން ވަނީ ހާމަވެފައެވެ. އެގޮތުން މިއީ ރަނގަޅު އަދި މުހިންމު ނިޒާމެއްކަމަށް 75 އިންސައްތަ މީހުން ބުނެފައި ވާއިރު، ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ކޮރަޕްޝަންގެ އަސަރު މިހާރު ނުކުރާކަމަށް 63 އިންސައްތަ މީހުން ވަނީ ބުނެފައެވެ. ނަމަވެސް މިސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަމީހުން ބުނެފައި ވަނީ ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ހަމަނުޖެހުންތައް ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ ރައްޔިތުން ހައްލު ހޯދަން ބޭނުންވެފައިވާ މައްސަލަތަކެއް ކަމަށާއި، ވަޒީފާގެ ފުރުޞަތުތައް ހޯދައި ދިނުމަކީ އަވަސް ހައްލެއް ބޭނުންވާކަމެއް ކަމަށްވެސް މިސާރވޭގެ ނަތިޖާއިން ވަނީ ދައްކާފައެވެ.