ޚަބަރު

ޖަޕާނުން ރާއްޖެއަށް 10000 ސާޖިކަލް މާސްކް ހަދިޔާކޮށްފި


ޖަޕާނުން ރާއްޖެއަށް 10000 ސާޖިކަލް މާސްކް ހަދިޔާކޮށްފިއެވެ.

ޖަޕާންގެ ކުންފުނިތަކުން ދިވެހި ރައްޔިތުންނަށް ހަދިޔާކުރި މި މާސްކްތައް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ، ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ޗާޖް ޑެ އެފެއާޒްސް ކޯޖީ ކަނޭކޯއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މާސްކްތަކާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލެވެ.

ޖަޕާނުން ރާއްޖެއަށް 10000 ސާޖިކަލް މާސްކް ހަދިޔާކޮށްފައި ވާއިރު، މި މާސްކްތައް ރާއްޖެއަށް ގެނެސްފައި ވަނީ ޝިޕްމެންޓެއްގެ ގޮތުގައެވެ. މިމަހުގެ 2 ވަނަ ދުވަހު ގެނައި ފުރަތަމަ ޝިޕްމަންޓަކީ ޖަޕާންގެ ޔަމަކައި ކޯ ލިމިޓެޑް ކުންފުނިން ހަދިޔާކުރި އެއްހާސް ސާޖިކަލް މާސްކްގެ ޝިޕްމަންޓެވެ. މިމަހުގެ 4 ވަނަ ދުވަހު ޖަޕާނުން ފޮނުވި ދެވަނަ ޝިޕްމެންޓްގައި ހިމެނެނީ 9000 ސަރޖިކަލް މާސްކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް ވަނީ ޖަޕާނުން ވެދިން އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވަނީ، ޖަޕާނަކީ ދިވެހިންނަށް ދަތިވެ ޙާލުގައި ޖެހުނު ކޮންމެ ވަގުތަކުވެސް އެހީވެދީފައިވާ ޤައުމެއްކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ޖަޕާން ސަރުކާރުން ރާއްޖެއަށް މާސްކް ހަދިޔާކޮށްފައި މިވަނީ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުން ދިވެހިން ރައްކާތެރިވުމަށް އެހީވުމަށް ހަދިޔާކުރި މާސްކްތަކެއްކަމަށް ޖަޕާން އެމްބަސީން މަޢުލޫމާތު ދެއެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން އަދި ފެނިފައި ނުވިނަމަވެސް މި ވައިރަހަށް ރައްކާތެރިވުމަށްޓަކައި ރާއްޖެއިން ވެސް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.