ޚަބަރު

ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުޞޫލު އާންމުކޮށްފި


އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުޞޫލު އާންމުކޮށްފިއެވެ.

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުޞޫލު ގެޒެޓްކުރުމަށްފަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

މި އުސޫލަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިސްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާއި މެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ ހަމަތައް ބަޔާންކުރާ އުޞޫލުވެ.

އަލަށް އެކުލަވާލާ މި އުޞޫލަށް ޢަމަލުކުރަން ފެށުމުން، 13 އޮގަސްޓް 2018 ގައި ގެޒެޓްކޮށްފައިވާ އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލާއި، 25 ފެބްރުވަރީ 2019 ގައި ގެޒެޓްކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު އުވޭނެކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މި އުސޫލު އެކުލަވާލުމަށްފަހު، ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ، އިލެކްޝަންސް ކޮމިޝަންގެ އިތުރުން ބްރޯޑްކާސްޓަރުންނާ ކޮމިޝަނުން ބައްދަލުކޮށް، މި އުޞޫލާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދާފައެވެ.