ވިޔަފާރި

ސީ ޕްލޭން ޓަރމިނަލުން ޖާގަތައް ދޫކުރާނެ އުސޫލު ކަނޑައަޅައިފި


އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ދޭނީ މިހާރު ވެސް އެ އެކުންފުނިން އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލާ އެއްވަރުގެ ޖާގައެއްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އައު ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކޮށް، ޖާގަ ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް ކަނޑައެޅި އުސޫލުގައެވެ.

ފިނޭންސްއިން ނެރުނު އުސޫލުގައި އައު ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ކުރިޔަށް އޮތް ދެ އަހަރަށް މިހާރުވެސް އެކުންފުނިން އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލާ އެއްވަރުގެ ޖާގައެއް ދޭން ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އަދި މިތަން ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރުގެ ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް ދޫކޮށްފައިވާ އަގަށްކަމަށްވެސް އުސޫލުގައިވެއެވެ. ޓީއެމްއޭއިން މިހާރު އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލަކީ ގާތްގަނޑަކަށް 5300 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. އަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ސީޕްލޭން ޓާމިނަލަކީ 16،000 އަކަފޫޓު ގެ ބޮޑު ބިމެކެވެ.

ސަރުކާރުން ޓީއެމްއޭއަށް އައު ޓާމިނަލުން ޖާގަ ދިނުމަށް ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ.

އޮޑިޓް އޮފީހުގެ ލަފާގެ މަތިން ސަރުކާރުން އައު ސީޕްލޭން ޓާމިނަލްގެ ކަންކަން ހިންގުމަށް ނިންމާފައިވާ މަންޓާ އެއާރއަށްވެސް އެ ފަރާތުން މިހާރު ބޭނުންކުރަމުންދާ ވަރުގެ ޖާގައެއް، މިހާރުވެސް ކުއްޔަށް ދީފައިވާ އަގުގައި ދެ އަހަރަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މޯލްޑިވިއަންއަށްވެސް އޮޕަރޭޝަން ހިންގަން އެކަށީގެންވާ ވަރުގެ ޖާގައެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ބާކީވާ ޖާގަތައް އެމްއޭސީއެލްއިން ޓެންޑަރަށް ހުޅުވާލާނެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދެ އަހަރުގެ މުއްދަތަކަށްފަހު ސީ ޕްލޭން ޓާމިނަލްގެ ފުލް އޮޕަރޭޝަން އެމްއޭސީއެލްއިން ނަގާނެއެވެ. އަދި އެއަށްފަހު އެތަނުން ނަގަމުންދާ ކުލިތަކަށްވެސް ބަދަލު ގެންނާނެކަމަށް ފިނޭންސްއިން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ސަރުކާރުން މި ނިންމުން ނިންމީ އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތިންނެވެ. އަދި މި ނިންމުން މޯލްޑިވްސް އެއަރޕޯޓްސް ކުންފުނީގެ ބޯޑަށް އަންގާފައިވާނޭކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

މިނިސްޓްރީން ބުނީ ސަރުކާރުން މިހެން ކަނޑައެޅުމުގައި ބަލާފައިވާނީ އެމްއޭސީއެލްއަށް ލިބެން އޮތް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް އަމަލުކުރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރުވެސް ކުރަމުންގެންދާ މަސައްކަތަށް މަގުފަހިވާނޭ ގޮތަކަށް އަމަލުކުރުމަށް ކަމަށެވެ. އަދި މިހާރުވެސް އަމިއްލައަށް އިންވެސްޓްކޮށް ބައެއް ސީޕްލޭން އޮޕަރޭޓަރުން ތަރައްޤީކޮށްފައިވާ ޓާމިނަލްތައް ހުސްކުރަންޖެހިފައިވުމާއެކު، އެފަރާތްތަކާމެދު އިންސާފުވެރިކަމާއެކު އަމަލުކުރުމަކީވެސް މިއުސޫލުގެ ބޭނުމެއްކަމަށް ފިނޭންސްއިން ވިދާޅުވެއެވެ.

ސީ ޕްލޭން ޓަރމިނަލުން ޖާގަތައް ދޫކުރާނެ އުސޫލުތައް ސަރުކާރުން ކަނޑައަޅާފައި މިވަނީ އާ ސީޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭއާ ޙަވާލުކުރާނެކަމަށް ބުނެ ވާހަކަދައްކަމުންދަނިކޮށެވެ. ނަމަވެސް ސަރުކާރުން މީގެކުރިންވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.