ޚަބަރު

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ހަނިމާދޫގައި ޓާސްކް ފޯހެއް އުފައްދައިފި


ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ހދ ހަނިމާދޫގައި ޓާސްކް ފޯހެއް އުފައްދައިފިއެވެ.

ހަނިމާދޫ ރަށު ކައުންސިލާއި، ހަނިމާދޫ ސިއްޙީމަރުކަޒު ގުޅިގެން އުފެއްދި މިޓާސްކު ފޯހުގެ ފުރަތަމަ ބައްދަލުވުން އިއްޔެވަނީ ހަނިމާދޫ ކައުންސިލް އިދާރާގައި ބާއްވާފައެވެ.

އެ ޓާސްކް ފޯހުގެ ބައްދަލުވުމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ވިދާޅުވީ ހަނިމާދޫއަކީ އުތުރުގެ ދަތުރުގެ މައި ދޮރާށި ކަމަށްވުމާއެކު ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް އެ ޓާސްކް ފޯހަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އެ ގޮތުން އެ ވައިރަސްއަށް ޝައްކު ކުރެވޭ ދަތުރުވެރިއަކު ފެނިއްޖެ ނަމަ އާރަށަށް ގެންދެވެންދެން ހަނިމާދޫގައި ކަރަންޓީނު ކުރުމަށް މިވަގުތަށް ކަނޑައެޅި ޢިމާރާތަކީ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ޢިމާރާތަކަށް ވާތީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތެރެއިން ވަކިން ހުންނަ ދެ ކޮޓަރީގެ ޢިމާރާތަކަށް އެތަން ބަދަލުކުރަން ހުށަހަޅަން ނިންމިކަމަށެވެ. އަދި އެ ގޮތަށް އެ ދެ ކޮޓަރި ކަނޑައަޅައިދިނުމަށް ރީޖަނަލް އެއަރޕޯރޓަށް ސިޓީ ފޮނުވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްވެސް ހިމެނޭގޮތަށް ފެށި ޓާސްކް ފޯހުގައި ހަނިމާދޫ ރަށު ކައުންސިލާއި، ހަނިމާދޫ ސިއްހީ މަރުކަޒުގެ އިތުރުން ހަނިމާދޫ ޕޮލިސްއާއި، އެމްއެންޑީއެފާއި، އަދި މިނޫންވެސް ހަނިމާދޫގައި ހުރި ސަރުކާރުގެ މުއައްސަސާތައް ހިމެނެއެވެ.

ހަނިމާދޫގައި ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ޓާސްކް ފޯހެއްގެ މަސައްކަތްފެށި އިރު މިމަގުން އިންޓަރނޭޝަނަލް ދަތުރުތައް ކުރަމުންދާކަން ފާހަގަ ކުރެއެވެ.
މިގޮތުން އިންޑިއާއިން ހަނިމާދޫ އަށް ސީދާ ދަތުރު ތައް އޮންނައިރު ކޮރޯނާވައިރަހަށް އިންޑިއާ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އިންޑިއާއިން ކޮރޯނާ ވައިރަސް ފެނިފައިވަނީ ހަނިމާދޫ މަގުން ދަތުރުކުރާ ޓްރެވެންޑްރަމާއި ކޮޗިން ނިސްބަތްވާ ކެރެލާ ސްޓޭޓުންނެވެ. އެ އަރޕޯރޓަކީ ގިނަ ޢަދަދަކަށް ފަތުރުވެރިންވެސް ބޭނުންކުރަމުންދާ އެއަރޕޯޓެކެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް މޯލްޑިވިއަނުން އެވްރެޖްކޮށް ދުވާލަކު ޑޮމެސްޓިކް 5 ފްލައިޓް އޮޕަރޭޓްކުރާއިރު، އިންޓަރނޭޝަނަލް ފްލައިޓްގެ 9 ފްލައިޓް ހަފްތާއަކު އޮޕަރޭޓް ކުރެއެވެ.