ވިޔަފާރި

ބީއެމްއެލްއިން އެކައުންޓް ހުޅުވުމާއި ލޯނަށް ހުށަހެޅުމަށް ޚާއްސަ ސެންޓަރެއް ހުޅުވައިފި


ބީއެމްއެލްއިން އެކައުންޓް ހުޅުވުމާއި ލޯނަށް ހުށަހެޅުމަށް މާލޭގައި ޚާއްސަ ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލްގެ މި ސެންޓަރު ހުޅުވާފައިވަނީ އަމީނީ މަގުގެ މާލޭ ސްކޮޔާރގައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައެވެ.

ބީއެމްއެލްއިން ބުނީ މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އެގޮތުން ހައުސިންގ ލޯން، ކޮންސްޓްރަކްޝަން ލޯން، ހޯމް ޕަރޗެއިސް ލޯން، ލައިފްސްޓައިލް ލޯން އަދި ކިޔަވާ ލޯނަށް މި ސެންޓަރު މެދުވެރިކޮށް ހުށަހެޅޭނެކަމަށް ބޭންކުން ބުނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ސީނިއަރ މެނޭޖަރ ބަދުރުއްދީން ހަސަން ވިދާޅުވީ މި ސެންޓަރު މެދުވެރިކޮށް ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދެވުމުން ކިއުގައި ނުޖެހި ފަސޭހަކަމާއެކު ލޯން ނެގުމާއި އެކައުންޓް ހެއްދުމުގެ ޚިދުމަތް ލިބިެގެންދާނެކަމަށެވެ.

"އެކައުންޓް އޯޕެނިންގ ސެންޓަރުން ޚިދުމަތް ހޯއްދަވާ ބޭފުޅުން މިހާރު ވެސް އޮންނަ ގޮތަށް ހަމަ ކޮންޓެކްޓް ސެންޓަރަަށް ގުޅުއްވުމަށްފަހު އެޕޮއިންޓްމެންޓް ހެއްދެވީމަ ކިއޫގައި ނުޖެހި ވަގުތުން ޚިދުމަތް ލިބިގެންދާނެ. މީގެ އިތުރަށް ލޯން ސެންޓަރގެ ޚިދުމަތް ހޯދުމަށް ވެސް މިވަނީ އެކައުންޓް ސިސްޓަމެއް ޤާއިމްކުރެވިފަ. ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ބޭފުޅުން ލޯނަކާއި ބެހޭ މަޢުލޫމާތެއް ހޯއްދަވަން ބޭނުންފުޅުވިޔަސް ނޫނީ ލޯންގެ އެޕްލިކޭޝަންއެއް ހޯދަން ވިޔަސް ކޮންޓެކްޓް ސެންޓަރަށް ގުޅުއްވުމަށްފަހު އެޕޮއިންމެންޓެއް ހެއްދެވީމަ ވަގުތުން ޚިދުމަތް ލިބޭނެ. " ބަދުރުއްދީން ވިދާޅުވިއެވެ.

ބަދުރުއްދީން ވިދާޅުވީ ޕާސަނަލް ލޯނަށް އެޕްލައިކުރާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ނުހަދާ ސެންޓަރަށް ވަޑައިގެން ޚިދުމަތް ލިބޭނެކަމަށެވެ. އެގޮތުން ބީއެމްއެލް ވެހިކަލް ލޯން، ބީއެމްއެލް ލުއި އެކްސްޕްރެސް ލޯންގެ ޚިދުމަތް އެޕޮއިންޓްމެންޓެއް ނުހައްދާ މި ސެންޓަރ މެދުވެރިކޮށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އާ އަހަރާއި ދިމާކޮށް ބީއެމްއެލްއިން ވަނީ އެބޭންކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްސަ ސެންޓަރުތަކެއް ފޯރުކޯށްދިނުމަށް ނިންމާފައެވެ. އެކައުންޓު ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ވަކި ސެންޓަރެއް މިހާރު ޤާއިމްކޮށްފައިވާއިރު ބޭންކުން ދަނީ މުޅިން އަލަށް 'ޑިޖިޓަލް ބްރާންޗެއް' ހުޅުވުމަށްވެސް ތައްޔާރުވަމުންނެވެ. މި ބްރާންޗު މެދުވެރިކޮށް ޒަމާނީ ޑިޖިޓަލް ބޭންކިންގ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން ދަނީ 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް އަދި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.