ސިވިލްސަރވިސް ކޮމިޝަނުގެ ނައިބް ރައީސް ޝަހީދު މުޙައްމަދާއި އެ ކޮމިޝަނުގެ އިތުރު 2 މެމްބަރަކާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެބޭފުޅުން މިއަދު މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައިވަނީ އެކޮމިޓީން ބަލަމުންދާ މައްސަލާގައި ޖަވާބުދާރީ ވުމުގެ ފަހު ފުރުޞަތެއްގެ ގޮތުން މިއަދު 11 ޖަހާއިރަށް ސިވިލްސަރވިސް ކޮމިޝަނުގެ ނާއިބް ރައީސާއި އިތުރު ދެ މެންބަރަކު ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމަވާފައެވެ.
މީގެކުރިިންވެސް މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީންވަނީ ސިވިލްސަރވިސް ކޮމިޝަނުގެ ނައިބް ރައީސް ޝަހީދު މުޙައްމަދަށް ކޮމިޓީއަށް ހާޒިރުވުމަށް ދަންނަވާފައެވެ. މީގެކުރިން އޭނާ ޙާޒިރުވުމަށް އެންގިއިރު ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ޙާޒިރުވެވޭގޮތް ވަނީ ނުވެފައެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ބަލަމުންދަނީ ޝަހީދު ކޮމިޝަނަށް އައްޔަންކޮށްފައިވަނީ ސިވިލް ސަރވިސް ޤާނޫނާއި ޚިލާފަށްކަމަށްބުނެ ހުށަހެޅިފައިވާ މައްސަލައިގައެވެ.
ސިވިލްސަރވިސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ޝަހީދު އައްޔަން ކުރައްވާފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެ ކޮމިޝަނުގެ ނައިބް ރައީސްގެ މަޤާމަށް އޭނާ އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުއެވެ.
ޝަހީދުގެ އިތުރުން ކޮމިޓީއަށް މިއަދު ހާޒިރުކުރާ އަނެއް ދެމެމްބަރުންނާއި ގުޅޭގޮތުން ކޮމިޓީން ބަލަމުންދާ މައްސަލަތަކަކީ ކޮބައިކަމެއް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ މި 3 ބޭފުޅުންނާއި ގުޅޭގޮތުން ކޮމިޝަނުން ބަލަމުންދަނީ ސީރިއަސް މައްސަލަތަކެއްކަމަށެވެ.