ކޮރޯނާ ވައިރަސް މުޅި ދުނިޔޭގައި ކޮންޓްރޯލް ކުރެވެންދެން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވަމުންގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހާ ގުޅޭގޮތުން ކަމާ ބެހޭ ހުރިހާ ފަރާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ބެހޭ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިދުވަސްވަރަކީ ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަމުންދާ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖެއަށް ކޮރޯނާ ވައިރަސް އަޔަނުދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ދެނެގަނެ މިވައިރަހާ އޭގެ ނުރައްކަލާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށް ރައީސްވަނީ ނިންމަވާފައެވެ.
އަދި މިވައިރަސް މުޅި ދުނިޔޭގައި ކޮންޓްރޯލް ކުރެވެންދެން ރާއްޖޭގައި އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު އަޅުއްވަމުންގެންދަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިން ޢާއްމުކޮށް ގޮސްއުޅޭ ޤައުމުތަކުންވެސް މިވައިރަސް ފެންނަމުން ދިޔުމާއި ގުޅިގެން މިވައިރަހުން ރައްކާތެރިވުމަށް މިހާރުވެސް އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނާއި ވަގުތުން ވަގުތަށް ހިއްސާކޮށް އާއްމުން ހޭލުންތެރިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިލްތިމާސްކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާވަނީ މިމަސައްކަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތެއްގެ މަސައްކަތް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ކޮރޯނާ ވައިރަހުގެ ބިރުވެރިކަމުން ރާއްޖެ ރައްކާތެރިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ވުޒާރާތަކުގެ ވަޒީރުންނާއި އެތަންތަނުގެ ވެރިންނާއި މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.