ޚަބަރު

ރައްޔިތުންގެ މަޖިލިސް ކޮމަންވެލްތު ޕާލިމަންޓް އެސޯސިއޭޝަންގެ މެންބަރަކަށްވަނީ


ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނޭ ކޮމަންވެލްތު ޕާލިމަންޓްރީ ގްރޫޕްގެ މެންބަރަކަށް ރައްިތުންގެ މަޖިލިސް އަލުން ގުޅުމަށް ގޮވާލާ ހުށައެޅި ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ޤަރާރު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާޤުންނެވެ. މި ޤަރާރު ފާސްވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ ކޮމަންވެލްތު ޕާލިމަންޓް އެސޯސިއޭޝަންގައި ރާއްޖެއިން ބައިވެރިވުމަށް ފާސްވީކަން އިޢުލާންކުރައްވާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ކޮމަންވެލްތު ޕާލިމަންޓް އެސޯސިއޭޝަންގެ މެންބަރުކަމުންވެސް ރާއްޖެ ވަނީ ވަކިވެފައެވެ. ނަމަވެސް ކޮމަންވެލްތު މެންބަރު ޤައުމަކަށް ވުމަށް ރާއްޖެއިން އަލުން ހުށައެޅުމުން، ދިވެހި ސަރުކާރުގެ ހުށައެޅުން ޤަބޫލުކޮށް ރާއްޖެއަށް އަނެއްކާވެސް ކޮމަންވެލްތުގެ މެންބަރުކަން ލިބިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށައަޅާ ކަންކަމުގެ ތެރެއިން ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަންގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާ ގުޅޭ މައްސަލަ ހުށައަޅާ ބަހުސްކޮށްފައެވެ.

މި ބަހުސް މަރުހަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވަނީ ކޮމަންވެލްތު ޕާލިމަންޓްރީ އެސޯސިއޭޝަންގެ މެންބަރަކަށް ރާއްޖޭއި ގުޅުމަށް ގޮވާލާ ޤަރާރެއްވެސް ހުށައަޅާފައެވެ. އާޒިމް ވިދާޅުވީ ކޮމަންވެލްތު ޕާލިމަންޓް އެސޯސިއޭޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހަށާއި މެންބަރުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

"ކޮމަންވެލްތު ޕާލިމަންޓް އެސޯސިއޭޝަންގަ ބައިވެރިވުމަކީ އަޅުގަނޑުމެންގެ ކުރއެރުމާ މަޖިލީހުގެ ކުރިއެރުމަށް އަދި މަޖިލީހުގެ މެންބަރުންގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭކަމެއް." އާޒިމް ވިދާޅުވިއެވެ.

ކޮމަންވެލްތާއި ރާއްޖެއިން އަލުން ގުޅުމުން މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް މަރުހަބާ ދަންނަނާވާ ވާހަކަފުޅު ދައްކަވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ، ކުރީ ސަރުކާރުގައި ކޮމަންވެލްތު މެންބަރުކަމުން ރާއްޖެ ވަކިވުމުން 1982 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ލިބެމުންދިޔަ އެތައް ފުރުޞަތުތަކެއް ގެއްލިގެން ދިޔަކަމަށެވެ.

"ޒުވާނުންގެ ކަންކަން ކުރިއެރުވުމާއި އަންހެނުންގެ ހައްގަށް ވަކާލާތުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ވަކާލާތުކުރުމާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރުމާއި މިކަހަލަ އެތައްކަމަކުން މަޙުރޫމްވެފައި." އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢިލް އަޙްމަދު ނަސީމް ވިދާޅުވީ، ކުރީ ސަރުކާރުގައި ފެނުނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާ މަންޒަރުކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ ކޮމަންވެލްތުގެ އިތުރުން ދިވެހި ސަރުކާރުން އީރާނާ އަދި ޤަތަރާއި ރައީސް ޔާމީންގެ ސަރުކާރުން ކަނޑާލި ގުޅުންވެސް އިޔާދަކޮށް ބައިނަލްއަޤްވަމީ ދުނިޔޭޣެ ފުރިހަމަ މެންބަރަކަށްވެ އަޅުގަނޑުމެންގެ ކުރީގެ ގުޅުންތައް ބައިނަލްއަޤްވާމީ ދުނިޔެއާއި އަލުން އިޔާދަވެގެން ދިއުން"' މީކާޢިލް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވެފައިވަނީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާންނިންމާ ކުރީގެ ސަރުކާރުން ހުށައެޅި ހުށައެޅުން މަޖިލީހުން ފާސްކޮށްފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ކޮމަންވެލތުގެ މެންބަރަކަމާ ރާއްޖެއިން އަލުން ގުޅުމަކީ ރައީސް އިބްރާހީމް މުޙައްމަދު ބާލިޙްގެ ރިޔާސީ ވަޢުދެއްކެވެ.