ވިޔަފާރި

އުރީދޫއަށް މިދިޔަ އަހަރު 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް!


މިދިޔަ އަހަރުގެ އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ނެރެފައިވާ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ އޭގެ ކުރީއަހަރު އެކުންފުންޏަށް ލިބުނު 1.9 ބިލިއަން އާމްދަނީއާއި އަޅާކިޔާއިރު 4 އިންސައްތަ އިތުރު އަދަދެކެވެ. އަދި އުރީދޫގެ 2019 ވަނަ އަހަރު ފައިދާގެ ގޮތުގައި 595 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރު ލިބުނު 538 މިލިއަން ރުފިޔާއަށް ވުރެ 11 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް އުރީދޫގެ މާލީ ހިސާބުތަކުން ދައްކައެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ބަލާއިރު، މޯބައިލް، އިންޓަނެޓް އަދި އެހެނިހެން ކަސްޓަމަރުންގެ އަދަދު މިދިޔަ އަހަރު ވަނީ 9 އިންސައްތަ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު އުރީދޫގެ ކަސްޓަމަރުންގެ އަދަދު ހުރީ 406 ހާހުގައެވެ. އޭގެ ކުރީއަހަރު އެކުންފުނީގެ ކަސްޓަމަރުންގެ އަދަދު ހުރީ 446 ހާހުގައެވެ.

މިދިޔަ އަހަރު ނިމުނު އިރު އުރީދޫ މޯލްޑިވްސްއިން ވަނީ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް، ގިނަ ހިދުމަތްތަކެއްވެސް ތަޢާރަފްކޮށްފައެވެ. މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިފައި މެދުވެރިކޮށް ކޯލް ކުރުމުގެ ހިދުމަތް ތައަރަފްކޮށްފައެވެ. އަދި ޕޯސްޓް ޕެއިޑް ނަންބަރުތަކަށް ހާއްސަކޮށް އަގުހެޔޮކޮށް ޑާޓާ، ފޯން ކޯލް މިނެޓްސް ހިމަނާފައިވާ "އެކު ކެންޕެއިން" ވެސް އުރީދޫއިން މިދިޔަ އަހަރު ލޯންޗުކުރިއެވެ.

ކޮންމެ އަހަރަކުވެސް އުރީދޫއިން ބާއްވާ ކަލަރރަންވެސް މިދިޔަ އަހަރުވެސް ބާއްވާފައިވާއިރު، ސީއެސްއާރުގެ ދަށުންވެސް އުރީދޫއިން މިދިޔަ އަހަރު ގިނަ ހަރަކާތްތަކެއް މުޖުތަމައުގައި ހިންގާފައިވެއެވެ.