ޚަބަރު

ކެންސަރުގެ އޮޕަރޭޝަންތަކުގެ 95 އިންސައްތަ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭ: ޑރ ޝިފާން


އައިޖީއެމް ހޮސްޕިޓަލްގެ ތަފަސް ހިސާބުތަކަށް ބަލާއިރު، އެވަރެޖްކޮށް ކޮންމެ މަހަކު 53 މީހުން މުޅިން އަލަށް ކެންސަރު ބަލި ޖެހިގެން އެ ހޮސްޕިޓަލްގައި ރެޖިސްޓަރ ކުރެއެވެ. އަހަރަކަށް ބަލާނަމަ މިއީ ކެންސަރުގެ 636 ކޭހެވެ. 3 ލައްކަ މީހުންގެ އާބާދީއަކަށް ބަލާނަމަ މިއީ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.

ރާއްޖޭގައި އެންމެ އާންމު ކެންސަރަކީ އަނގައިގެ ކެންސަރާއި، އުރަމަތީގެ ކެންސަރު އަދި ތައިރޮއިޑް ކެންސަރު ފަދަ ކެންސަރުތަކެވެ. އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީވެސް މިހާރު ރާއްޖެއިން ފެނުން އިތުރުވެފައިވާ ކެންސަރުގެ ބާވަތެކެވެ.

ރާއްޖޭގައި ކެންސަރު ބަލި އޮތް މިންވަރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ސަރޖިކަލް އޮންކޮލޮޖީ އަދި އައިޖީއެމް ހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕަރޓްމަންޓްގެ ހެޑް ޑރ. މުޙައްމަދު ޝިފާން ވިދާޅުވީ ވޭތުވެދިޔަ 10ވަރަކަށް އަހަރު ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ ވަރަށް ބޮޑަށް ފުޅާކުރެވިފައި ވާކަމަށެވެ. އަދި މި ބަލި ރާއްޖެއިން ފެންނަ މިންވަރު އިތުރުވެފައިވަނީ ވެސް، ޒަމާނީ ސިއްޙީ ވަސީލަތްތަކާއިއެކު މި ބަލި ދުރާލާ ދެނެގަނެވޭ މިންވަރު އިތުރުވެފައިވާތީކަމަށް ޑރ.ޝިފާން ވިދާޅުވިއެވެ.

"މިދިޔަ އަހަރު އެކަނިވެސް ކެންސަރުގެ 149 އޮޕަރޭޝަން އައިޖީއެމްއެޗްގައި ކުރިން. އަދި ރެޖިސްޓަރވެގެން މިހާރުވެސް އައިޖީއެމްއެޗްގައި ގަވައިދުން އެބަ ކީމޯ ނަގާ 34 ޕޭޝަންޓުން. ޑޮކްޓަރަށް ދައްކާ މިންވަރަށް ބަލާއިރު އެވަރެޖްކޮށް ކޮންމެ މަހަކު ކެންސަރުގެ 53 ކޭސް އެބަ އަލަށް ރެޖިސްޓްރީކުރޭ." ޝިފާން ވިދާޅުވިއެވެ.

މިބައްޔާއި ގުޅޭ ދިރާސާއެއް މިހާތަނަށް ރާއްޖޭގައި ހެދިފައި ނުވާތީ ކެންސަރު ބަލި ތަޙައްމަލްކުރާ މީހުންގެ ސީދާ އަދަދު އެނގޭކަށް ނެތެވެ.

ޝިފާން ވިދާޅުވީ ކެންސަރަށް ފަރުވަ ކުރުމަށް ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި ހިމެނޭ 95 އިންސައްތަ އޮޕަރޭޝަން މިހާރު ރާއްޖޭގައިވެސް ކުރެވޭކަމަށެވެ. އޭގެތެރޭގައި އޮޕަރޭޝަނަށްފަހު ހަށިގަނޑުގެ ބައިތައް އެއްކޮށް ގުޅުވާ(ރީކޮންސްޓްރަކްޝަން) އޮޕަރޭޝަންތައްވެސް ހިމެނޭ ކަމަށެވެ. އަދި ކެންސަރަށްދޭ ރޭޑިއޭޝަން ފަރުވާ ފިޔަވައި އެހެން ހުރިހާ ފަރުވާތައް ރާއްޖެއިން މިހާރު ލިބޭނެކަމުގައި ޑރ ޝިފާން ވިދާޅުވިއެވެ.

ކެންސަރަކީވެސް އެހެން ބަލިތައް ފަދައިން، ދުރާލާ ދެނެގަނެވި ގަވައިދުން ފަރުވާދޭނަމަ މުޅިން ރަނގަޅުކުރެވޭ ބައްޔެއްކަމުގައި ޑރ ޝިފާން ވިދާޅުވިއެވެ.

"މިއަދު އުފަލާއިއެކު ފާހަގަކުރަންޖެހޭ މިއީ މަރުބައްޔެއްނޫންކަން. މީގެ 15 އަހަރު ކުރިން މިކަމުގެ ފަރުވާގެ މިންވަރު ތަފާތު ނަމަވެސް، މިހާރު ވަރަށް ޒަމާނީ ސިއްޙީ ފަރުވާތައް އައިސްފި. ކުރިއާލާ ދެނެގަނެވިއްޖެނަމަ ބަލި އެއްކޮށް ފަސޭހަވެ، އަދި ބަލި މީހާ ބަލީގައި ތަޙައްމަލްކުރަންޖެހޭ ވޭން ކުޑަވޭ." ޑރ.ޝިފާން ވިދާޅުވިއެވެ.

ކެންސަރު ބަލި ޖެހުމުގައި އެއީ މިހާގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ވަރަށް ބޮޑަށް ގުޅިފައިވާ ބައްޔެވެ. އަހަރަމެން ދިވެހިންގެ ތެރޭގައި ހަރުލާފާ މިފަދަ ނުރަނގަޅު އާދަތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމާއި، ދުފުމާއި، ތައްޔާރީ ކާނާ ބޭނުންކުރުމާއި ހެލިފެލިފެ ނޫޅުން ހިމެނެއެވެ. ޝިފާން ވިދާޅުވީ މިފަދަ އާދަތަކުގެ ސަބަބުން 9 އަހަރުގެ ކުޑަކުދިންވެސް އަނގައިގެ ކެންސަރު ފަދަ ކެންސަރުތަކަށް ހުށައެޅިފައި ހުރިކަމަށެވެ.

"ދިވެހިންގެ ތެރޭގައި އެންމެ އާއްމު ކަންތައް ދުފުމަކީ. މީހުން އެބަބުނޭ ދުފާފައި އަންގަ ދޮންނަމޭ. މިއީ ނޫން މި ކަން އޮންނަގޮތަކީ، ދުފާއިރު ދުންފަތާ ދުފާ ފޯކުގައި ހުންނަ ބާވަތްތައް ވަރަށް ފަސޭހައިިން ހަށިގަނޑުގެ ތެރެއަށް ވަދޭ." ޑރ.ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ބަލިން ދުރާލައި ރައްކާތެރިވުމަށް އުމުރުން ސާޅިހަށްވުރެ މަތިވުމުން އުރަމަތީ ކެންސަރާއި، ރަހިމުގެ ދޮރަށްޖެހޭ ކެންސަރު އަދި ގޮހޮރުގެ ކެންސަރު ފަދަ ކެންސަރުތަކަށް ގަވައިދުން ސްކްރީން ކުރުން މުހިންމުކަމަށެވެ. މިކަމުން ކެންސަރުގެ ނިޝާންތައް ގައިގަ ހުރިތޯ ނުވަތަ ނޫންތޯ ކުރިއާލާ ދެނެގަނެވޭނެއެވެ.

މީގެ އިތުރުންވެސް ބަރުދަން އިތުރުވިޔަ ނުދިނުމަށް ކަސްރަތާއި ހެލިފެލިވެ އުޅުންވެސް ވަރަށް މުހިންމެވެ.